ޚަބަރު

އަސްކަރީ ތަމްރީން ދޯސްތީއަށް 30 އަހަރު


މީގެ 30 އަހަރުކުރިން ރާއްޖެއާއި އިންޑިއާ ކޯސްޓްގާޑް ގުޅިގެން ފެށި އޮޕަރޭޝަން ދޯސްތީގެ 15 ވަނަ ހަރަކާތުގައި ބައިވެރިވާ އުޅަނދުތައް ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ދޯސްތީ އެކްސަސައިޒްގެ މިއަހަރުގެ ހަރަކާތްތަކަށް އިންޑިއާގެ ކޯސްޓްގާޑްގެ ވަޖްރާ އާއި އަޕޫރްވާގެ އިތުރުން ސްރީލަންކާ ކޯސްޓްގާޑް ސުރަކްޝާ މާލެއައިސްފައިވާކަމަށެވެ.

މިމަހުގެ 20 އިން 24 އަށް ކުރިއަށްގެންދާ މި އެކްސަސައިޒްގައިވެސް ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ރާއްޖެއާ، އިންޑިއާ އަދި ސްރީލަންކާ ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދަސްކުރުމުގެ ތަމްރީނުތައް ކުރިއަށްގެންދާނެއެވެ.

އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާކޮށް، ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދަސްކުރުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެކެވެ.

އެކްސަސައިޒް ދޯސްތީގެ ތެރެއިން ހިންގާ ކަނޑުމަތީގެ ފަރިތަކުރުންތަކުގައި ރެސްކިއު އޮޕަރޭޝަނާއި ކަނޑުމަތިން ޙާލުގައި ޖެހޭ މީހުން ސަލާމަތްކޮށް، ފުރަތަމަ އެހީ ދޭނެ ގޮތްތަކާއި، ޙާލު ދެރަވެފައިވާ މީހުން އަވަސް ގޮތަކަށް އެންމެ ކައިރި ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ކަންކަން ކުރާނެ ގޮތްތައް ފަރިތަކޮށްފައިވެއެވެ. އަދި ހެލިކޮޕްޓަރުގެ އެހީގައި ކަނޑުމަތިން މީހުން ސަލާމަތްކުރާނެ ގޮތްތައްވެސް މި އެކްސަސައިޒްގައި މީގެކުރިން ފަރިތަކޮށްފައިވެއެވެ.

އެކްސަސައިޒް ދޯސްތީއަކީ މީގެ 30 އަހަރުކުރިން 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު އިންޑިއާ އާއި ރާއްޖޭގެ ކޯސްޓްގާޑު ގުޅިގެން ހިންގަން ފެށި އެކްސަސައިޒެކެވެ. މި އެކްސަސައިޒުގައި ސްރީލަންކާ ކޯސްޓްގާޑުން ބައިވެރިވާން ފަށާފައި ވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން "ޓްރައިލެޓަރަލް އެކްސްސައިޒް ދޯސްތީ"ގެ ނަމުގައެވެ. މިއާއެކު ރާއްޖެއާ އިންޑިއާއާއި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ތަފާތު ހަރަކާތްތަކެއްދަނީ ހިންގަމުންނެވެ.