ކުޅިވަރު

ތައްޓަށް ކުރާ އުއްމީދަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކޯޗު


ސާފް ސުޒުކީކަޕްގައި މާދަމާ ފުރަތަމަ މެޗަށް ނިކުންނައިރު ޓީމަށް އޮތް އެންމެ ބޮޑު އިތުބާރަކީ ކޯޗު ރިކީ ހާރބަޓްކަމަށް ޓީމްގެ މުޙިއްމު ދެ ކުޅުންތެރިންކަމަށްވާ މުޙައްމަދު އާރިފްއާއި އަސްއަދު އަލީ ބުނެފިއެވެ. މެޗުގެ ކުރިން މިއަދު ބޭއްވި ފަރިތަކުރުންތަކަށްފަހު ވައިސްކެޕްޓަން އާރިފް ބުނީ މިއީ އޭނާ މިހާތަނަށް މަސައްކަތްކުރާ އެންމެ މޮޅު، އެންމެ ޕްރޮފެޝަނަލް ކޯޗު ކަމަށާއި، ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދޭތީވެސް އުފާކުރާކަމަށެވެ. އަދި ޓީމް އޮތީ އެންމެ ރަނގަޅަށް ތައްޔާރަށްކަމަށާއި، ސަޕޯޓަރުން ޓީމްގެ ފަހަތުގައި ތިބުމަށް އެދޭކަމަށެވެ." ވަރަށްގިނަ ކޯޗުންނާއެކު މަސައްކަތްކުރެވިއްޖެ. އެކަމަކު މިއީ މިހާތަނަށް މަސައްކަތްކުރި އެންމެ މޮޅު، އެންމެ ޕްރޮފެޝަނަލް ކޯޗު. ޓީމް އޮތީ ތައްޔާރަށް. އިރާދަކުރެއްވިއްޔާ މާދަމާ ސަޕޯޓަރުން ހިތްހަމަޖެހޭފަދަ ނަތީޖާއެއް ނެރޭނަން. " މިޑްފީލްޑަރ ބުންޏެވެ.އަސްއަދު އަލީ ބުނީ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކަށްބަލާއިރުވެސް އެންމެ މޮޅު ކޯޗު ހުރީ ރާއްޖޭގައިކަމަށާއި، އެއީ ތައްޓަށް ކުރާ އުއްމީދަށް ލިބޭ އިތުރު ހިތްވަރެއްކަމަށެވެ. ކުޅުންތެރިން ތިބީ ތަށީގެ އުއްމީދުގައި ކަމަށާއި، ބޫޓާން މެޗަށްވެސް ފުރިހަމައަށް ތައްޔާރުކަމަށް އަސްއަދު ބުންޏެވެ. އެހެން އަހަރުތަކަށްވުރެވެސް ތައްޓަށް ކުރާ އުއްމީދު މިފަހަރު ބޮޑުކަމަށް އޭނާ ބުންޏެވެ." މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކަށް ބަލާއިރުވެސް އެންމެ މޮޅު ކޯޗު ހުރީ ރާއްޖޭގައި. އެއީ އިތުރު ހިތްވަރެއް ތަށި ހޯދަން. ކޯޗު ބުނާ ގޮތަށް ކުޅެން ކުޅުންތެރިން ތިބީ ތައްޔާރަށް. މިފަހަރަކީ ތައްޓަށް އެންމެ ބޮޑަށް އުއްމީދުކުރެވޭ ފަހަރު. އިރާދަކުރެއްވިއްޔާ ތަށި ހޯދާނަން. " އަސްއަދު ބުންޏެވެ.ރާއްޖެއާއި ބޫޓާން ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މާދަމާ މެންދުރު ފަހު ތިނެއް ޖަހާއިރުއެވެ. މެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.