ކުޅިވަރު

މިއީ ޒުވާން ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑުކާމިޔާބީއެއް: ބޯތު


ރާޖަޕަކްސް ފޯ ނޭޝަނަލް އިންވިޓަޝޭނަލް މުބާރާތް ކާމިޔާބުކުރުމަކީ ސީޝޭލްސްގެ ގައުމީ ޓީމުގައި ހިމެނުނު ޒުވާން ކުޅުންތެރިންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެޓީމުގެ ކޯޗު ނެވިލް ވިވިއަން ބޯތު ބުނެފިއެވެ.

ފައިނަލް މެޗަށްފަހު ނޫސްވެރިންނާ ވާހަދައްކަމުން ބޯތު ބުނީ މުބާރާތުގެ ތަށި ކާމިޔާބުކުރެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށާއި މުބާރާތުގައި ސީޝޭލްސް އިން ބައިވެރިވީ ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި ކަމަށެވެ. އޭނާ ބުނީ މުބާރާތުގައި ސީޝޭލްސްއިން ކުޅުނު އިތުބާރާއެކު ކަމަށާއި އެގޮތުން ފައިނަލަށް ނުކުތުވީސް އެ އިތުބާރާއެކުކަމަށެވެ.

ފައިނަލު މެޗުގައި ފަހަތުން އަރާއި އެއްވަރު ކުރީ ޔަގީން ކަމާ އިތުބާރާއެކު ކުޅެގެންކަމަށެވެ. އެގޮތުން ލަންކާއިން ގެނައި ބަދަލުތަކުގައި ފައިދާ ސީޝޭލްސްއިން ނެގީކަމަށް ބޯތު ބުންޏެވެ. ލަންކާއިން ދެވަނަ ހާފްގައި ރަނގަޅު ބަދަލުތަކެއް ގެނައިނަމަ ސީޝޭލްސްއަށް މެޗު އުނދަގޫވެސް ކަމަށާއި ބަދަލުތަކުގައި ލަންކާއިން ގޯސްތަކެއް ހެދުނު ކަމަށް ބޯތު ބުންޏެވެ. މުބާރާތުގެ ތަށީގެ ސަބަބުން މުސްތަގުބަލުގައި ސީޝޭލްސްގެ ފުޓްބޯޅައަށް ރަނގަޅު ފައިދާއެއް ކުރާނެކަމަށް ބޯތުބުންޏެވެ. އެއީ އަހަރުތަކަކަށް ފަހު ލިބުނު ތަށީގެ ސަބަބުން ސަޕޯޓަރުންނާ ކުޅުންތެރިންނަށް އުންމީދެއް އާވެގެން ހިނގައްޖެކަމަށް ބޯތު ބުންޏެވެ.

މުބާރާތުގެ ކުރިން ޓީމާ ހަވާލުވި ކޯޗު ބުނީ މިއީ ޓީމު ތިބި ޒުވާން ކުޅުންތެރިންނަށް ރައްކާ ކުރަން ލިބުނު ހަނދާނެއް ކަމަށެވެ. އެއީ އެކުޅުންތެރިން އެންމެ ޒުވާން ދުވަސްވަރު ފީފާގެ ރައީސްއާ ބައްދަލުކުރުން ވެގެންދާނީ އެކުޅުންތެރިންނަށް ވެސް ޚާއްސަ ހަނދާނަކަށްކަމަށް ކޯޗު ބުންޏެވެ.

" ތެދެއް އަހަރަމެން ލަންކާއަށް އައީ މިތިބި ޒުވާން ކުޅުންތެރިންނަށް އިތުރު ފުރުސަތެއް ހޯދައިދޭން. އަހަރެން މިހުރީ ވަރަށް އުފަލުން ތަޖުރިބާކުރި ދަތުރުން ތަށްޓެއް ލިބުނީ، މިއީ ކުރިމަގަށް ލިބުނު އުންމީދެއް." މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބޯތު ބުންޏެވެ.

މުބާރާތުގައި ސީޝޭލްސް އިން ސާބިތުކޮށްދުނީ ފިޒިކަލީ ރަނގަޅަށް މަސައްކަތް ކުރާ ޓީމަކަށް މުބާރާތަކުގައި ކާމިޔާބު ހޯދޭނެކަން ކަމަށް ބޯތު ބުނިއެވެ. މުބާރާތާ ސީޝޭލްސް އިން ކުރިމަތީލީ ފަސް ހަފްތާގެ ފަރިތަކުރުންތަކަށް ފަހު ކަމަށާއި މުބާރާތުގައި ޓީމު އެންމެ ބޮޑަށް ބައްޓަން ކުރީ ދަނޑުއޮތް ހާލަތައް ބަލައިގެން ކަމަށް ބޯތު ބުންޏެވެ. ސީޝޭލްސް ކޯޗު ބުނީ މުބާރާތުގެ ދެއްކި ކުޅުމުގެ ސަބަބުން ފީފާ ރޭންކިންގައި ސީޝޭލްސްއަށް ކުރިއެރުންތަކެއް ލިބެނޭ ކަމަށާއި މިފަދަ ކުރިއެރުންތައް ހޯދަން ވާދަވެރި ގިނަ މެޗުތަކެއް ކުޅެންޖެހޭ ކަމަށެވެ.

ފުޓްބޯޅައިގައި މީގެ ކުރިން ސީޝެލްސް އަށް ލިބުނު ހަމައެކަނި ބޮޑު ކާމިޔާބީއަކީ 2011 ވަނަ އަހަރު އެ ގައުމުގައި ހޯސްޓްކުރި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފުޓްބޯޅައިގެ ރަން މެޑަލެވެ. އުމުރު 22-23 އަހަރުގެ ސީޝެލްސް ޓީމުން މުބާރާތް ކާމިޔާބުކުރީ ތަޖުރިބާ މަދު ޓީމަކާ އެކުގަވެ.