ޚަބަރު

ހަމަޖެހުން ޤާއިމުކުރުމަށް ޔަހޫދީންނާ ގުޅުންބަދަހިކުރުން މުޙިއްމު: އުރުދުޣާން


މެދުއިރުމަތީގައި ހަމަޖެހުން ޤާއިމުކުރުމަށް ޔަހޫދީންނާ ގުޅުންބަދަހިކުރުން މުޙިއްމުކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާނު ވިދާޅުވެއްޖެއެވެ. އެ މޭރުމުން އޭނާ ވާހަކަދެއްކެވީ އިސްރާއީލުގެ ރައީސް އިސްޙާޤު ހެލްޒޮގާ ގުޅުއްވައި ވާހަކަދެއްކެވުމަށްފަހު ނެރުއްވި ބަޔާނެއްގައެވެ. އޭނާއަކީ ޢާއްމުކޮށް އިސްރާއީލުގެ އިސްވެރިންނަށް ގުޅުއްވައި ބޭފުޅެއް ނޫނެވެ.

ތުރުކީވިލާތުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓޮރޭޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުރުދުޣާނާއި ހެލްޒޮގު ކުރެއްވި މަޝްވަރާތަކުން މެދުއިރުމަތީގައި ހަމަޖެހުން ޤާއިމުކުރުމަށް ދެ ޤައުމުން ދެމުންދާ އަޙައްމިއްޔަތު ދޭހަވާކަމަށެވެ. އެ ގޮތުން ވާހަކަދައްކައިގެން ޚާރިޖީ އަދި ސަރަޙައްދީ މައްސަލަތައް ދެނެގަތުމުން ޚިޔާލު ތާފާތުވުމުގެ ސަބަބުން ޖެހޭ މައްސަލަތައް ކުޑަކުރެވޭނެކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްރާއީލުގެ ރައީސާ ކުރެއްވި މަޝްވަރާތަކުގައި އުރުދުޣާނުވަނީ ގުޅިގެން މަސައްކަތްކޮށްގެން ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމަށް ޚާއްޞަ އިސްކަމެއް ދިނުން މުޙިއްމުކަން ފާހަގަކުރައްވައިފައެވެ. އަދި ގުޅުންބަދަހިކޮށް މަޝްވަރާތައް ކުރަމުންދާނަމަ ދެ ޤައުމަށްވެސް އެ ކަމުގެ ފައިދާކުރާނެކަމަށްވެސް އުރުދުޣާނު ވިދާޅުވިއެވެ.

ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގައި ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން ފާއިތުވި އަހަރުތަކުގެ ތެރޭގައި އިސްރާއީލާއި ތުރުކީވިލާތާ ދެމެދު އޮންނަ ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެ ގޮތުން 2018ވަނަ އަހަރުގެ ތެރޭގައި ދެ ޤައުމުގެ ސަފީރުންވެސްވަނީ އަނބުރާ ގެނެސްފައެވެ.