ކުޅިވަރު

ރޭންޖަރސްގެ އާ ކޯޗަކަށް ވެން ބްރޮންކްޙޯސްޓް


ސްކޮޓިޝް ލީގުގެ އެންމެފަހުގެ ޗެމްޕިއަން ރޭންޖަރސްގެ އާ ކޯޗަކަށް ނެދަލަންޑްސްގެ ޖިއޮވާނީ ވެން ބްރޮންކްޙޯސްޓް ހަމަޖައްސައިފިއެވެ. ބްރޮންކްޙޯސްޓް މިމަގާމަށް ހަމަޖައްސާފައިވަނީ ކުރިން އެމަގާމުގައި ހުރި ސްޓީވެން ޖެރާޑް ޕްރިމިއަރ ލިގުގެ އެސްޓަންވިލާގެ ކޯޗް ކަމާއި ހަވާލުވުމުންނެވެ.

އުމުރުން 46 އަހަރުގެ ބްރިންކްޙޯސްޓް ބުނީ އޭނާއަށް ރޭންޖަރސްގެ ކޯޗްކަން ލިބުމުން ނަސީބު ވަރަށް ރަނގަޅު ކަމަށް ގަބޫލް ކުރާކަމަށެވެ. އޭނާވަނީ ރޭންޖަރސްއަށް 1998 ވަނަ އަހަރާއި 2001 ވަނައަހަރާއި ދެމެދު ކުޅެފައެވެ. އަދި އެކްލަބާއެކު ފަސް ތަށިވެސް ހޯދާފައިވެއެވެ. އޭގެ ތެރޭގައި ލީގު ދެފަހަރު ކާމިޔާބުކުރުންވެސް ހިމެނެއެވެ. އަދި އެއަށްފަހު އާސެނަލް އާއި ބާސެލޯނާގައިވެސް ކާމިޔާބު އަހަރު ތަކެއް ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ހޭދަކޮށްފައިވެއެވެ. އަދި ބާސެލޯނާ އާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކުރިއެވެ. މީގެއިތުރުން ނެދަލަންޑްސް ޤައުމި ޓީމަށް 106 މެޗް ވެން ބްރޮންކްޙޯސްޓް ވަނީ ކުޅެދީފައެވެ. އޭނާ ކުޅުނު އެންމެ ފަހު މެޗަކީ 2010 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފައިނަލް މެޗު. އެމެޗްގައި ނެދަލަންޑްސް ޓީމުގެ ކެޕްޓަންވެސް ކުރީ އޭނާއެވެ.

ކޯޗިންގ ގެ ދާއިރާއިން ވެން ބްރޮންކްޙޯސްޓް އެންމެ ފުރަތަމަ ފެނިގެންދިޔައީ އޭނާގެ ފުރަތަމަ ކްލަބް ކަމަށްވާ ޑަޗް ލީގުގެ ފެޔެނޯޑްގެ އެސިސްޓަންޓް ކޯޗެއްގެގޮތުގައެވެ. އެއީ ރޮނާލްޑް ކޫމަންގެ ދަށުން. އަދި 2015 ވަނަ އަހަރު އެކްލަބްގެ ކޯޗުކަމާއި ހަވާލުވިއެވެ. އަދި 2016 ވަނަ އަހަރާއި 2018 ވަނަ އަހަރު ޑަޗް ކަޕް އެޓީމަށް ކާމިޔާބުކޮށްދިން އިރު 2017 ވަނަ އަހަރުވަނީ އެރެދިވިސީ ތަށި 18 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފެޔެނޯޑަށް ކާމިޔާބުކޮށްދީފައެވެ. މީގެއިތުރުން ބްރޮންކްޙޯސްޓް ވަނީ ޗައިނީޒް ލީގުގައި ގުއާންޖޫ އާރު އެންޑް އެފްއަށް ވެސް ކޯޗް ކޮށްދީފައެވެ.

ބްރޮންކްޙޯސްޓް ބުނީ ރޭންޖަރސްގައި އޮތީ ކާމިޔާބީ ހޯދޭ ފެންވަރުގެ ވަރުގަދަ ޓީމެއް ކަމަށާއި އެކުޅުންތެރިންނާއެކު މަސައްކަތް ފަށަން ކެތް މަދުވެފައިވާކަމަށެވެ. އަދި އަލުން އެކްލަބްގެ ސަޕޯޓަރުންނާއި ދިމާވެލަންވެސް ކެތްތެރިކަމެއް ނެތް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިއަންނަ އާދީއްތަ ދުވަހު ކުޅޭ ސްކޮޓިޝް ލީގު ކަޕްގެ ސެމީފައިނަލްގައި ހިބަރނިއަން އާއި ބައްދަލުކުރާ މެޗްގައި ބްރޮންކްޙޯސްޓަށް ބެންޗަކު އަދި ނީނދެވޭނެއެވެ. އެމެޗަށް ކުޅުންތެރިންނާއި ހަވާލުވެ ހުންނާނީ ކުޅުންތެރިޔާ އަދި ކޯޗް ޖެމެއިން ޑިފޯއެވެ.