މަޝްހޫރު ލަވަކިއުންތެރިޔާ އަދި ޤައުމީ ލަވަޔާއި މަދަހައާއި ހޭލުންތެރިކަމުގެ އެތައް ލަވައެއް ކިޔައިގެން ޢާއްމުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯއްދަވާފައިވާ ކުޅަދާނަ އަދި މަޝްހޫރު ފަންނާނު ޢަބްދުﷲ ޙަސަން އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވީ ވަރަށްގިނަ ދުވަސްވަންދެން ބަލި އެނދުގައި އޮންނެވުމަށްފަހުއެވެ.
ޢަބްދުﷲ ޙަސަނަކީ، ލަވަ ކިޔުއްވުމުގެ ރޮނގުން ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މަޝްހޫރު މޮޅު ބޭފުޅުންގެތެރޭގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ތަފާތު ލަވަތައް އޭނާ ވިދާޅުވެފައިވެއެވެ. ޢާއްމުންގެ މެދުގައި މަޤްބޫލު ލަވަކިޔުންތެރިއެއްގެ މަޤާމު ހޯއްދަވާފައިވެއެވެ.
ދިވެހި ލަވަކިޔުމުގެ ރޮނގުން 1981ވަނަ އަހަރު ޢާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާސިލްކުރައްވާފައިވާ ޢަބްދުﷲ ޙަސަން ރާއްޖެއަށް މަޝްހޫރުވެފައިވަނީ "ގައުމީ ގުރާ"ގެ ގޮތުގައެވެ. އޭނާގެ އަޑު އިވުމުންވެސް ޤައޔުމީވަންތަކަމުގެ އިޙްސާސް ކުރެވޭކަމަށް އެތައްބަޔަކު ބުނެއެވެ. އެއީ ވިދާޅުވެފައިވާ ޤައުމީ ލަވަތަކުގެ ގިނަކަމާއި އޭގެ ފުރިހަމަކަމުންނެވެ. އޭނާ އެންމެ މަޝްހޫރީވެސް ޤައުމީ ލަވަތައް ވިދާޅުވުމުގައެވެ. ޤައުމީ ޖޯޝާއި ފޯރި އަދި ޤައުމީ އިޙްސާސް އޭގެ އެންމެ ފުރިހަމަގޮތުގައި އުފެދޭ ގޮތަށް އޭނާ ވިދާޅުވެފައިވާ ލަވަތަކުގެ މަޤުބޫލުކަމިއަދުވެސް ވަރަށްބޮޑެވެ. މިހާރުވެސް ޤައުމީ އެކިއެކި މުނާސަބަތުތަކުގައި ހަފްލާތަކުންނާއި ޓީވީ، ރޭޑިއޯއިން އެލަވަތައް ގެނެސްދެއެވެ.
އޭނާ ވިދާޅުވެފައިވާ ލަވަތަކުގެ ތެރޭގައި މަދަޙައާއި މަވްލޫދާއި ޅެމާއި ޤައުމީ އެކިއެކި މުނާސަބަތުތަކަށް ހަދާފައިވާ ލަވަތައް ހިމެނެއެވެ. އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު ފެށްޓެވި އަސާސީ ތަޢުލީމުގެ މަޝްރުޢުގެ ތީމް ލަވަ "ވަޑައިގަންނަވާށޭ، ކުލާހަށް އަސާސީ... " މިލަވަ ހިމެނެއެވެ. މީގެ އިތުރުން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ޓީވީން ތަކުރާރުކޮށް ގެނެސްދޭ، "ނަފުސު ހޭލައްވާލަ ދޭޝޭ އަންނަނީ ރަމަޟާން ކަރީމް.. " ފާހަގަކޮށްލެވެއެވެ. އަދި މަޝްހޫރު މިޢުރާޖު މައުލޫދު ވިދާޅުވެފައިވަނީވެސް އޭނާއެވެ.
ލަވަކިޔުމުގެ ދާއިރާއިން ދިވެހިންގެ ހިއްތައް ފަތަހަކުރައްވާފައިވާ ޢަބްދުﷲ ޙަސަންގެ ޤައުމީ ލަވަތަކުގެތެރޭގައި "އޯވަޒަން" "ވަޠަން އެދޭގޮތަށް" "ޖޯޝޭ ގެނައިމީ ޤައުމީ އުފާ" ފަދަ ޖޯޝުން ފުރިގެންވާ ޤައުމީ އެތައް ލަވަތައް ހިމެނެއެވެ.
މީގެ އިތުރުން ލޯބީގެ އަސަރުގަދަ އެތައް ލަވައެއްވެސް އޭނާ ވިދާޅުވެފައިވެއެވެ. އޭގެތެރޭގައި "އަސްރުދިޔައީ ގެއްލިގެން.." "ރީތި ހަނދެކޭ ނުބުނެވޭނެހޭ..." ފަދަ އެތައް ލަވަތަކެއް ފާހަގަކޮށްލެވެއެވެ.