ވިޔަފާރި

ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި


ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

މިއަހަރު ފާހަގަކުރާ 41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަފްލާގައި، އާމްދަނީ ހޯދުމަށް އިތުރު މަސައްކަތެއް ނުކުރާ މާލެ އަތޮޅުން ހޮވާލެވޭ، އެންމެ ޚިދުމަތްތެރި ކެޔޮޅު ހޮވާ، އެފަރާތަށް ޚާއްސަ އެވޯޑެއް ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިދިޔަ މަހުގެ17 ވަނަ ދުވަހު ކުރި އިއުލާނުގެ މުއްދަތުގައި އެކަށީގެންވާ ޢަދަދަށް ކެޔޮޅުން ކުރިމަތިލާފައި ނުވުމުން، މި އެވޯޑަށް އެދި ހުށައެޅުމުގެ ފުރުސަތު މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން މިމަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް އެވޯޑަށް ކުރިމަތިލުމަށް ފޯމް ހުށައެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

އަމިއްލަ ފަރާތަކުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މި އެވޯޑަށް ހުށަހެޅުމަށް ބޭނުންވާ ފޯމާއި ކުރައިޓީރިޔާ ފިޝަރީޒް މިނިސްޓްރީގެ ވެބަސައިޓުން ލިބޭނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީ ހާމަކުރެއެވެ.

މަސްވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10ވަނަ ދުވަހެވެ. މިދުވަސް އާންމު ގޮތެއްގައި ވަކި ރަށެއް ކަނޑައަޅައި ކުލަގަދަކޮށް ކޮންމެ އަހަރަކުވެސް ފާހަގަ ކުރެއެވެ. އެގޮތުން މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ކ.ގާފަރުގައެވެ.