ކުޅިވަރު

ފައިނަލަށް ފީފާގެ ރައީސް ލަންކާއަށް


ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ޚާއްސަ މެހެމާން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ލަންކާ އަށް ވަޑައިގަންނަވާނެ ކަމަށް ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ.

ފޯ ނޭޝަންސް ކަޕްގެ ޝެޑިއުލް އެންމެ ފުރަތަމަ އާންމުކުރިއިރު، ފައިނަލް ކުޅެން ނިންމާފައި އޮތީ މި މަހު 17 ވަނަ ދުވަހުއެވެ. އެކަމަކު، ޝެޑިއުލަށް ގެނައި ބަދަލާއެކު ފައިނަލް މެޗު މިއަދު ކުޅޭ ގޮތަށް ބަދަލުކުރީ އިންފަންޓީނޯ އަށް ދައުވަތުދީގެން މެޗު ކުރިއަށް ގެންދިއުމުގެ ވިސްނުމުގައެވެ.

އިންފަންޓީނޯގެ މި ދަތުރުފުޅުގައި ފީފާގެ އެހީއާއެކު ލަންކާ އަށް ފުޓްބޯޅައިގެ ވަސީލަތްތައް ތަރައްގީ ކުރެވޭނެ ގޮތާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ. އަދި ސަރަހައްދުގެ ފުޓްބޯޅައިގެ ޑިވެލޮމަންޓާ ގުޅޭ މަޝްވަރާތަކެއް ވެސް ކުރެވިގެންދާނެ ކަމަށް ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން މައުލޫމާތު ދެއެވެ.

ފައިނަލް މެޗަށް ފަހު މިރޭގެ ވަގުތެއްގައި އިންފަންޓީނޯ ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ލަންކާ ފެޑެރޭޝަނުން ބުނެއެވެ. ލަންކާ ގަޑިން އިރުއޮއްސި ހަތެއް ޖަހާއިރު، ކުޅޭ ފޯ ނޭޝަންސް ކަޕްގެ ފައިނަލުގައި ބައްދަލުކުރާނީ ސީޝެލްސް އާއި ލަންކާއެވެ. ރާއްޖެ އާއި ބަންގްލަދޭޝް ވަނީ މުބާރާތުން ކަޓައިފައެވެ.