ކުޅިވަރު

ލަންކާ 25 އަހަރުފަހުން ފައިނަލަކަށް، ސީޝޭލްސް އޮތީ އިތުބާރާއެކު


މިހާރު ސްރީލަންކާގައި ކުރިޔަށްދާ ރާޖަޕަކަސައި އިންވިޓޭޝަނަލް ފޯނޭޝަންސް ކަޕުގައި ފައިނަލުގައި މިއަދު ސްރީލަންކާ އާއި ސީޝޭލްސް ވާދަކުރާނެއެވެ. މުބާރާތުގައި ލީގު އުސޫލުކުޅުން ބުރުގައި މި ދެޓީމު ވާދަކުރި މެޗު ކާމިޔާބުކުރީ 1-0 ލަނޑުން ސީޝޭލްސްއެވެ. މިއީ ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ސްރީލަންކާއިން މުބާރާތެއްގައި ފައިނަލުގައި ވާދަކުރާ ފުރަތަމަ ފަހަރުއެވެ.

މުބާރާތުގައި ވާދަކުރާ ލަންކާ ޓީމުގެ ކޯޗު އާމިރް އަލަގިޗަށް އޮތީ ހުސް ޝަކުވާއެވެ. މެޗުތަކުގައި ކުރިންނާއި މެޗު ނިންމާފައި އޭނާ ދައްކާ ބަހަނާ ލަންކާ ފުޓްބޯޅަ ކުރިއަރުވަން އޭނާ ނޫންމީހަކު މަސައްކަތް ކޮށްފަނުވާފަދަ މޭރުމަކުން ވާހަކަދައްކާ ލަންކާގެ ނޫސްވެރިންވެސް ވަނީ ލޭކައްކުވާލާފައެވެ.

ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރަމުން އަންނަ އަލަގިޗް އަންނަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ތަކުރާރުކޮށް އެއް ވާހަކަތަކެއް ދައްކަމުންނެވެ. ލަންކާގައި ވަސީލަތްތައް ނެތް ވާހަކަ އާއި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިން ނެތުމުން އެހެން ގައުމުތަކުގައި ތިބި ލަންކާއަށް ކުޅެވޭ ކުޅުންތެރިން ގެނެސްގެން ޕާސްޕޯޓް ދީ ގައުމީ ޓީމަށް ކުޅުވުމުގެ ވާހަކަތަކެވެ.

އަލަގިޗް ބުނީ މިއީ ލަންކާ ފުޓްބޯޅަ އާއި އެގައުމުގެ ސިއްހީ ހާލަތަށް ބެލިޔަސް އުނދަގޫ ދަނޑިވަޅެއް ކަމަށެވެ. އަދި މި ފަދަ ވަގުތެއްގައި ލަންކާއިން ފުޓްބޯޅައިގައި ކާމިޔާބު ހޯދައިފިނަމަ އެއީ މުޅި ގައުމަށް ލިބޭނެ އުފާވެރިކަމަކަށް ވާނެ ކަމަށް އަލަގިޗް ބުންޏެވެ. އޭނާ އެންމެފަހުން ނޫސްވެރިންނާ ބައްދަލުކޮށްފައިވަނީ މުބާރާތުގައި ބަންގްލަދޭޝް އަތުން މޮޅުވުމުގެ މެޗުގެ ކުރިންނެވެ. އޭގެކުރިން ސީޝޭލްސް މެޗަށްފަހު ވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެއްނުވެއެވެ. އަދި މުބާރާތުގެ ފައިނަލުގައި ކުރިން ދެ ޓީމުގެ ނޫސްވެރިންގެ ބައްދަލުވެމެއް ބާއްވަފައެއް ނުވެއެވެ.

ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރު މުއްދަތަކަށް ކޯޗުކޮށްދިން އަލަގިޗް ހަވާލުވި ފަހުން ލަންކާއިން ހަތް މެޗު ކުޅުނުއިރު އަދި މޮޅެއް ނުލިބެއެވެ. އަލަގިޗްގެ 25 އަހަރުވީ ކޯޗިން ކެރިއަރުގައި 22 އަށް ވުރެ ގިނަ ޓީމަށް އޭނާ ކޯޗުކޮށްދިނެވެ. އޭގެއިން ކޮންމެ ޓީމެއްގައި ވެސް އޭނާ އަށް ގިނަވެގެން މަގާމު ދެމެހެއްޓުނީ އެއް އަހަރާއި އެއްމަސް ދުވަހެވެ. މި ފަހަރުގެ މުބާރާތައް ފަހު ލަންކާގެ ކޯޗުގެ މަގާމާއި ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް އަލަގިޗަށް ގެއްލޭނެ ކަމަށް ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

"35 ދުވަހުން މި ކުޅެނީ ހަ އިންޓަނޭޝަނަލް މެޗު. މިއީ ކުރިން ވެފައި އޮތް ކަމެއް ނޫން. މި ދަނޑު ވެސް އުނދަގޫ. ފިޓްނަސް ވެސް އެއީ މައްސަލައެއް. މިއީ އިންޖަރީއެއް ނޫން، ވަރުބަލިކަން." ބަންގްލަދޭޝް މެޗުގެ ކުރިން އަލަގިޗް ބުންޏެވެ.

މުބާރާތުގައި އެންމެ އިތުބާރާއެކު ކުޅުނު އެއްޓީމަކީ ސީޝޭލްސްގެ ޓީމެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ހަމަޖެހިގެން ކޯޗެއްގެ ގޮތުގައި ފެނުނީ ސީޝޭލްސްގެ ކޯޗު ނެވިލް ވިވިއަން ބޯތެއެވެ. ފޯ ނޭޝަންސް ކަޕްގައި ކުޅެން ސީޝެލްސް އަށް ދައުވަތު ލިބުމުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބޯތުއާ ބައްދަލުކުރިއެވެ.

ބޯތަށް ޓީމުގެ ކޯޗުކަން ހުށަހެޅުމުން އޭނާ ނިންމީ މި މުބާރާތަކީ އެ ގައުމުގެ ފުޓްބޯޅަ އޮތް ހިސާބެއް ވަޒަންކޮށްލައި ކަންތައްތަކެއް ހާސިލްކުރަން މުބާރާތަށް އައުމަށެވެ. އޭނާ އަބަދުވެސް ބުނަމުންދިޔައީ މުބާރާތުގައި ވާދަކުރަމުން ދިޔައީ އެއްވެސް ޕްރެޝަރެއް ނެތިކަމަށާ މުބާރާތުގައި ވާދަކުރާނީ ޓީމުގެ ތިބި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުންކަމަށެވެ.

"އަހަރެމެން ބޭނުންވީ ރޭންކިން ވެސް މަތިކޮށްލަން މި މުބާރާތުގައި ކުޅެލަން. އެ ވިސްނުމުގައި އައިސް އަހަރެމެންނަށް މިހާތަނަށް ވަރަށް ރަނގަޅަށް މަސައްކަތް މި ކުރެވުނީ. އަހަރެމެންނަށް ފައިނަލުގެ ޖާގަ ލިބުނު އެއް ސަބަބަކީ އަހަރެމެންނަށް އެއްވެސް ކަމެއްގެ ޕްރެޝަރެއް ނެތް. ގެއްލޭނެ އެއްޗެއް ނެތް. އެހެންވީމަ މިހާ ފަސޭހައިން ކުޅެލެވޭނެ،" ރާއްޖޭގެ މެޗަށްފަހު ބޯތު ބުންޏެވެ.

ސީޝެލްސް އިން މި މުބާރާތުގައި ބޭނުންކުރާ ސްކޮޑުގެ އެވްރެޖް އުމުރަކީ 22 ނޫނީ 23 އަހަރު ކަމަށް އެ ޓީމުން މައުލޫމާތު ދެއެވެ. ސީޝެލްސް އިން މި ފަހަރުގެ ފޯ ނޭޝަންސް ކަޕްގެ ކުރިން އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރު ޖެނުއަރީ މަހު ބަންގްލަދޭޝްގައި އޮތް ބަންގުބަންދު ކަޕްގައެވެ. ސީޝެލްސް މި ވަގުތު އޮތީ ފީފާ ރޭންކިންގެ 199 ވަނައިގައެވެ.

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ހާއްސަ މެހެމާނަކީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއެވެ.