ޚަބަރު

ޔަހޫދީންނާ ގުޅިގެން ޢަރަބިން ޒަމާނީ ހަތިޔާރު އުފައްދަނީ


ޔަހޫދީންނާ ގުޅިގެން ޒަމާނީ ހަތިޔާރު އުފެއްދުމަށް ގަލްފު ސަރަޙައްދުގެ ނުފޫޒުގަދަ އެއް ޤައުމުކަމަށްވާ ޔޫއޭއީން އެއްބަސްވެއްޖެއެވެ.

އިސްރާއީލް އޭރޯސްޕޭސް އިންޑަސްޓުރީސް، އޭއައިއޭއާއެކު ޔޫއޭއީގެ މައި ދިފާޢީ ކުންފުނި، އެޖުން ސޮއިކުރި އެއްބަސްވުމުގެ ދަށުން ދެ ޤައުމުން ގުޅިގެން އިންސާނާ ނުލައި ކަނޑުގައި ދުއްވައި އުޅަނދެއް އުފެއްދުން ހިމެނެއެވެ. އެއީ އަސްކަރީ ސަބުމެރީނުތަކާ ދެކޮޅަށް ޙަމަލާދިނުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ. މީގެ ކުރިން ދެ ޤައުމުން ގުޅިގެން އަސްކަރީ ޑުރޯން އުފެއްދުމަށްވެސްވަނީ އެއްބަސްވެފައެވެ.

ޔަހޫދީންނާ ގުޅިގެން ޒަމާނީ ހަތިޔާރު އުފެއްދުމަށް ޔޫއޭއީން އެއްބަސްވެފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އިސްރާއީލާއެކު ޚާރިޖީ އަދި އިޤްތިޞާދީ ގުޅުންބަދަހިކުރުމަށްފަހުއެވެ. އެއާއެކު އެމެރިކާއިންވަނީ އެންމެ ފަހުގެ އެފް35 މަރުކައިގެ ހަނގުރާމަމަތީ މަތިންދާބޯޓު ޔޫއޭއީއަށް ވިއްކުމަށް އެއްބަސްވެފައެވެ.