އަފްޣާނިސްތާނުގެ ހުރިހާ ޕުރޮވިންސެއްގައި އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިން ޙަރަކާތްތެރިވަމުންދާކަމަށް އދން ބުނެފިއެވެ.
އދން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ ސަފީރު ޑެބަރާ ލަޔަންސް ވިދާޅުވީ އަފްޣާނިސްތާނުގެ ހުރިހާ ޕުރޮވިންސަކަށް އައިއެސްގެ ހަނގުރާމަވެރިން ފެތުރިފައިވާކަމަށެވެ. އދގެ ސަލާމަތީ މަޖިލީހަށް މަޢުލޫމާތު ދެއްވަމުން ލަޔަންސް ވިދާޅުވީ އައިއެސްގެ ހަނގުރާމަވެރިން ހޯދައި ފިޔަވަޅުއެޅުމަށް އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުގެ ހަނގުރާމަވެރިން ވަރަށް އަނިޔާވެރިކޮށް އަމަލުކުރަމުންދާކަމަށެވެ. އެ ގޮތުން އޭނާ ވިދާޅުވީ އައިއެސްގެ ހަނގުރާމަވެރިއެއްކަމަށް ޝައްކުކުރެވޭ މީހެއްނަމަ އެއްވެސް ޝަރީޢަތަކާ ނުލައި އޭނާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާކަމަށެވެ.
އޮގަސްޓު މަހުގެ 15ވަނަ ދުވަހު ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ގެނައުމުން އައިއެސް ޖަމާޢަތުން ދެމުންދާ ޙަމަލާތައްވަނީ އިތުރުވެފައެވެ. އެ ގޮތުން ޠާލިބާނުންގެ ހަނގުރާމަވެރިންނާއި ޢާއްމުންނަށް ޢަމާޒުކޮށް ދެމުންދާ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ބަޔަކުވަނީ މަރުވެފައެވެ. ނަމަވެސް އަފްޣާނިސްތާނަށް އޮތް އައިއެސްގެ ނުރައްކާތެރިކަން ބޮޑުކަމަކަށް ޠާލިބާނުން ޤަބޫލެއް ނުކުރެއެވެ. އަދި އައިއެސްއާ ދެކޮޅަށް ޙަރަކާތްތެރިވުމަށް އެމެރިކާއިން ފޯރުކޮށްދޭން ހުށަހެޅި އެހީތެރިކަން ބަލައިގަތުމަށް ޠާލިބާނުންވަނީ ދެކޮޅުހަދައިފައެވެ. އަފްޣާނިސްތާނަކީ އައިއެސްފަދަ ޖަމާޢަތްތަކުގެ ހާއްޔަކަށްވުމުގެ ފުރުޞަތު ބޮޑުކަމަށާއި އެ ޤައުމުގެ ސަރަޙައްދުތައް ބޭނުންކޮށްގެން އެހެން ޤައުމުތަކަށް ޙަމަލާދީފާނެކަމުގެ އިންޒާރު އެމެރިކާއިންވަނީ ދީފައެވެ.