ޚަބަރު

ޔާމީން އެކައުންޓަށް ފައިސާ ޖަމާކުރި ޗެކު ނަންބަރު ދިމާނުވާތީ ފަނޑިޔާރުންގެ ސުވާލުތަކެއް


ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ ޗެކް ނަންބަރު 2 ލިޔުމެއްގައި ދެގޮތަކަށް އޮތްކަން ފާހަގަވުމުން ފަނޑިޔާރުން ދަޢުލަތަށް ސުވާލުތަކެއްކޮށްފިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ޙުކުމް އިއްވާފައިވާ މައްސަލައިގައި ރައީސް ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަަޅާފައިވާ އިސްތިއުނާފު މައްސަލައިގެ އަޑު އެހުންތައް މިދިޔަ މަހުގެ 5 ވަނަ ދުވަހު ނިންމާލާފައިވީނަމަވެސް މިއަދު އިތުރު އަޑުއެހުމެއް ބާއްވާފައިވަނީ މައްސަލަ ދިރާސާކުރުމުގެ ތެރޭގައި ފަނޑިޔާރުންނަށް ފާގަވިކަމަކާއި ގުޅިގެނެެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލިސް ފައްޓަވަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ވިދާޅުވީ އިސްތިއުނާގެ ތެރެއިން ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރި ނުކުތާތަކުގެ ތެރޭގައި މިމައްސަލައިގައި ވާހަކަދެކެވޭ 1 މިލިޔަން ޑޮލަރަކީ ވޮޑަމުލާއާ ގުޅުހުންހުރި ފައިސާކަން ސާބިތުނުވާކަމަށް ފާހަގަކޮށްފައިވާކަމަށެވެ.

އަދި މިމައްސަލައިގައި ބުނާ އެއް މިލިޔަން ޑޮލަރާއި ގުޅޭ ޑިޕޮޒިޓް ސްލިޕްގައިވާ ޗެކް ނަންބަރާއި، އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓުގައި އޮތް ޗެކް ނަންބަރާއި ދިމާނުވާކަން މިމައްސަލަ ދިރާސާކުރިއިރު ފާހަގަވެފައިވާތީ ފަނޑިޔާރުންގެ ބެންޗުން ވަނީ އެކަން އެގޮތަށް ދިމާވީ ކީއްވެގެންތޯ ސުވާލު އަމާޒުކޮށްފައެވެ.

ޖަވާބުގައި ދަޢުލަތުގެ ވަކީލު ވިދާޅުވީ، ޗެކް ނަންބަރު ނުބައިކޮށް އޮތްކަމަށް ބެލެވެނީ ބޭންކް ސްޓޭޓްމެންޓް އެންޓާކުރުމުގެ ތެރޭގައި އަރާފައިވާ އޮޅުމަކުންކަމަށެވެ. އަދި އެކަން ފާހަގަކުރެވުމާއެކު އެކަން އޮޅުންފިލުވައި، ޗެކާއި ޑިޕޮސިޓް ސްލިޕް ހޯދިއިރު، ސްޓޭޓްމެންޓްގައި ނަންބަރު ނުބައިކޮށް ޖެހިފައި އޮތީ އޮޅުމަކުންކަން ބޭންކުންވެސް މައުލޫމާތު ދީފައިވާކަމަށް ނައުފަލް ވިދާޅުވިއެވެ.

އަދި އެޗެކް ރައީސް ޔާމީންގެ ޝަރީއަތަށް ހުށައަޅާފައި ނުވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ދައުލަތުން ވިދާޅުވީ، ޕީޖީ އޮފީހުގައި އެފަދަ މައްސަލަތައް ކުރިއަށްގެންދަނީ ޓީމުތަކަކަށް ބަހާލައިގެންކަމުން ދެ މައްސަލާގެ ލިޔެކިއުންތައްވެސް ގެންގުޅުނީ ސިއްރު މައުލޫމާތުތަކެއްގެ ގޮތުގައިކަމަށެވެ. އަދި ތަޙުޤީގީ އިދާރާތަކުން ފޮނުވި ލިޔެކިއުންތަކުގެ ތެރެއިން ފައިސާ ޖަމާކުރި ޗެކް ރައީސް ޔަމީންގެ މައްސަލަ ހުށައެޅިއިރު ލިބިފައިވާކަން ނޭނގޭކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ އެއްކަމަކާއި ގުޅޭ މައްސަލައެއްގެ ލިޔެކިއުންތަކެއް ތަޙިުޤީގީ އިދާރާއަކުން ޕީޖީ އޮފީހަށް ހުށަހަޅާފައިވާނަމަ އެމައުލޫމާތު އެނގެންޖެހޭނީ އެއް މައްސަލައެއްގައި ހިމެނޭ ވަކީލަކަށްކަމަށް ޤަބޫލުނުކުރެވޭކަމަށެވެ.

އަދި, ސުވާލު އުފެދޭ ކަމެއް އޮތްނަމަ އެކަމެއް ފާހަގަވުމުން ކްރިމިނަލް ކޯޓުގައި ދަޢުލަތުން އެކަން ފާހަގަކޮށްފައި ނުވާއިރު، އެއީ ދައުލަތުގެ އިހުމާލެއްކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ފަރާތުން އެދިފައިވާ ގޮތަށް މައްސަލަ ނިންމަވައިދެއްވުމަށް ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ވަނީ އެދިފައެވެ.

މިއާއެކު މިއަދުގެ އަޑުއެހުންވެސް ނިންމާލާފައިވަނީ، އަންނަ މަހު ސުޕްރީމް ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން މިމައްސަލައިގެ ޙުކުމް އިއްވަން މަސައްކަތްކުރަމުން ގެންދާކަން ފަނޑިޔާރުންގެ ބެނުންޗުން ޢިއުލާންކުރެއްވުމަށްފަހުއެވެ.