ޚަބަރު

އޯވަރޑްރޯ ނުކޮށްފިނަމަ ބަޖެޓު 26 ބިލިއަނަށް ކުޑަކުރަން ޖެހޭނެ: އަމީރު


ޕަބްލިކް އެކައުންޓުން އޯވަޑްރޯ ނުކޮށްފިނަމަ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ކުޑަކުރަން ޖެހޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަމީރު މިހެން ވިދާޅުވީ، އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓާލަފައި އޮތްއޮތުން އިތުރު އެއް އަހަރުގެ މުއްދަތަށް އިތުރުކުރުމުގެ ހުއްދައަށް ފިނޭންސް މިނިސްޓަރ މަޖިލީހުގައި އެދިވަޑައިގެންފައިވާ މައްސަލައާއި ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމާއި ގުޅޭގޮތުން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، އޯވަޑްރޯ ނުކޮށްފިނަމަ އެންމެ ގިނަވެގެންވެސް ބަޖެޓުގެ ޢަދަދުކަމަށް ކަނޑައެޅޭނީ 26 ބިލިއަން ރުފިޔާކަމަށެވެ. އަދި ބަޖެޓް ކުޑަކޮށްފިނަމަ މިހާރު ސަރުކާރުން ކުރުމަށް ރާއްވަވާފައިވާ ގިނަ މަޝްރޫއުތައް މަދުކުރަންޖެހި، އަލަށް ކުރަންރާވާފައިވާ ކަަންކަން މަޑު ޖައްސާލަން ޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ފޫބެއްދޭނީ ބަޖެޓުގައި މިހާރު ކުރަން ރާވާފައިވާ ކަންކަން ކޮށްގެންކަމަށެވެ.

"ބަޖެޓު ކުޑަކުރެވިދާނެ، 36.9 ބިލިއަން ރުފިޔާ އިން އަޅުގަނޑުމެން 26 ބިލިއަނަށް ކުޑަކުރެވިދާނެ. އޭރުން ޖެހޭނީ ގިނަ ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓާލަން. އަދި މުވައްޒަފުންގެ މުސާރަ ކުޑަކުރަން." ފިނޭންސް މިނިސްޓަރ ޢަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އޯވަޑްރޯ ކުރުމުން ރިސްކުތައް ހުރިނަމަވެސް، ފާއިތުވި 18 ވަރަކަށް މަސްދުވަހު މެނޭޖުކުރިގޮތަށް އެކަން ކުރެވޭނެކަމަށެވެ. އަދި އޯވަޑްރޯކޮށްގެން އިގްތިޞާދު ބެލެންސް ކުރުން މުހިއްމުކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އޯވަޑްރޯ ކުރާ މުއްދަތު އެއް އަހަރަށް އިތުރުކުރުމަށް އެދިވަޑައިގަތީ ކޯވިޑްގެ ބަލިމަޑުކަމުގެ ހާލަތުން އެއްކޮށް އަރައިގަނެވިފައިނުވާތީކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކޯވިޑްގެ ހާލަތު މިހާރު ކޮންމެވެސްވަރަކަށް ކޮންޓްރޯލް ކުރެވިފައިވީނަމަވެސް އިޤްތިޞާދީ ގޮތުން ހުރި ގޮންޖެހުންތައް ގިނަކަމަށެވެ. އަދި ކޯވިޑްގެ ހާލަތުގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތު އެހާބޮޑަށް ދަށަށް ނުދިޔައީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިހާރު އިޤްތިޞާދު ކުރިއަރަމުން އަންނަ މިންވަރުން ބަލާނަމަ 2023 ވަނަ އަހަރު ކޯވިޑްގެ ކުރީގެ ހާލަތަށް އިޤްތިޞާދު ގެންދެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އޯވަޑްރޯ ކުރުމަށް ތިންވަނަ ފަހަރަށް މަޖިލީހަށް ހުށައަޅާފައިވާއިރު، މިނިސްޓަރ އެދިވަޑައިގަތީ އޯވަޑްރޯ ކުރެވޭ މިންވަރު 3.5 ބިލިއަން ކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ.


އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓާލާފައި އޮތްއޮތުން އިތުރު އެއް އަހަރުގެ މުއްދަތަށް އިތުރުކުރުމުގެ ހުއްދައަށް އެދި ފިނޭންސް މިނިސްޓަރ ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައެވެ. މިއީ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓާލާފައި އޮތްއޮތުން އިތުރުކުރުމަށް އެދުނު 3 ވަނަ ފަހަރެވެ. މީގެ ކުރިން 2 ފަހަރެއްގެ މަތިން މަޖިލީހުން ވަނީ މިމުއްދަތު އިތުރުކޮށްފައެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވީ ވޭތުވެދިޔަ 18 މަހެއްހާ ދުވަހުގެ ތެރޭގައި މި އިސްތިސްނާގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތްތަކަށް ބުރޫ އެރިޔަނުދީ، ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަކަމަށެވެ. މީގެ އިތުރުން، އިޤްތިސާދީ ގޮތުން ފުން ވަޅުގަނޑަކަށް ރާއްޖެ ވެއްޓުނު ވަގުތު، ވިޔަފާރިތަކަށާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކޯވިޑް-19 އާ ގުޅިގެން ކުރަން ޖެހުނު ސިއްޙީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ޚަރަދުތައް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެން ދިޔަކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.