ޚަބަރު

ރަށްރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކާއެކު ކައުންސިލްތަކުގެ ޝުކުރު ސަރުކާރަށް


ވޭތުވެދިޔަ 3 އަހަރު ތެރޭގައި މުޅި ޤައުމާ ރައްޔިތުންގެ ތަރައްޤީއަށް ސަރުކާރުން ކުރެއްވި މަސައްކަތްތައް ފާހަގަކޮށް ކައުންސިލްތަކުން ސަރުކާރަށް ޝުކުރުއަދާކޮށްފިއެވެ. ސަރުކާރަށް 3 އަހަރު ފުރުމާއި ގުޅިގެން ކައުންސިލްތަކުން ނެރުނު ތަހުނިޔާގެ ބަޔާނުގައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރުގެ އިސްވެރިންނަށް މަރުޙަބާ ދަންނަވާފައެވެ.

ސަރުކާރަށް 3 އަހަރުފުރުމާއި ގުޅިގެން ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލުން ނެރުނު ބަޔާނުގައިވަނީ ޒަމާނުއްސުރެ ރާއްޖޭގައި ކަންކަން ކުރުމުގައި ބޭނުންކުރަމުންއައި މަރުކަޒީ ނިޒާމު ބަދަލުކޮށް ރާއްޖޭގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުތަކަށް ބަދަލުވެގެން އައިސް މިވޭތުވެދިޔަ އަހަރު ތަކަކީ އެމަގުން ރައްޔިތުންނަށް ފާގަތި އަހަރުތަކެއްކަމަށެވެ. އަދި މިމަސައްކަތުގައި އެކައުންސިލާއި ރައްޔިތުން އަބަދުވެސް ސަރުކާރާއެކު ތިބިކަމަށް ކައުންސިލްގެ ބަޔާނުގައިވެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން އަރިއަތޮޅު އުތުރުބުރީ ކައުންސިލުން ނެރުނު ބަޔާނުގައިވަނީ ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ކޯވިޑްގެ ޙާލަތު ބަދަލުކުރުމަށް ސަރުކާރުން ކުރެއްވި މިންނެތް މަސައްކަތް ފާހަގަކުރައްވާފައެވެ. ހަމައެއާއެކު އެޙާލަތުގައިވެސް ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ދީފައިވާ އަހަންމިއްޔަތުކަން އެކައުންސިލުންވަނީ ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ޒަޢާމަތުގައި ރައްޔިތުންނާއި މުޅި ޤައުމު އެކަތިގަނޑަކަށް ހެއްދެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވާވަނީ އެމަނިކުފާނުގެ ސަރުކާރަށް މަރުޙަބާ ވިދާޅުވެފައެވެ.


ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް އިދާރާއިން ވިދާޅުވީ ކޯވިޑްގެ ޙާލަތުގައި ރާއްޖޭގެ މައި ދޮރާށި ބަންދުވެ ޢާމްދަނީ ލިބޭނެ ވަޞީލަތްތައް ބަންދުވެގެން ދިޔަ ޙާލަތުގައިވެސް ރައްޔިތުން ބަނޑަށް ޖެހުނަނުދީ ޤައުމު ހިންގެވުމުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވި ސިޔާސަތުތަކަކީ ހެޔޮވެރިކަމެއްގެ މިސާލެއްކަމަށެވެ. އަދި އެތައް ޒަމާނެއްވަންދެން ވަކިބައެއްގެ އަތްމަތީގައި އޮތް ބާރު ދޫކޮށްލައްވާ ޙަގީގީ ބާރުވެރިންނަކީ ރައްޔިތުންކަމަށް ހެއްދެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްކަމަށްވަނީ ވިދާޅުވެފައެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި މިސަރުކާރުން ހޯރަފުއްޓަށް ގެންނެވި ތަރައްޤީ ކައުންސިލާއި ރައްޔިތުން ބަލައިގަންނަކަމަށްވަނީ ވިދާޅުވެފައެވެ.

ތިލަދުންމަތީ އުތުރުބުރީ މުރައިދޫ ކައުންސިލުންވަނީ ކޯވިޑްގެ ދަތި ޙާލުގައިވެސް ޤައުމުގެ ހިންގުން ހުއްޓުނަނުދީ ތަރައްޤީގެ އެކި މަޝްރޫޢުތައް ސަރުކާރުން ކުރިއަށްގެންދިޔަދިޔުން ފާހަގަކޮށް އެއީ މިވޭތުވެދިޔަ އަހަރުތަކު ލިބުނު އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި ކައުންސިލްތައް ބާރުވެރިކުރުވާ ރައްޔިތުންނާ ގާތުން ޚިދުމަތްދެވޭނެ މަގު ފަހިކޮށްދެއްވާފައިވާތީވަނީ އެކަން ބަލައިގަނެ ކައުންސިލާއި ރައްޔިތުންގެ ނަމުގައި ސަރުކާރަށް މަރުޙަބަ ވިދާޅުވެފައެވެ.

މާޅޮސްމަޑުލު ދެކުނު ބުރީ ކުޑަރިކިލު ކައުންސިލުން ނެރުނު ބަޔާނުގައިވަނީ މުޅި ޤައުމާއި އަދި ވަކިން ޚާއްސަކޮށް ކުޑަރިކިލުގެ ތާރީޚުގައިވެސް ހިންގަމުން މިހާރު ގެންދާ ބޮޑެތި މަޝްރޫޢުތައް ފާހަގަކޮށް އެކަން އެރަށު ރައްޔިތުން އުފަލާއެކު ބަލައިގަންނަކަމަށެވެ. އަދި ކޯވިޑްގެ ދަތި ޙާލަތުގައިވެސް ސަރުކާރުންވީ ވަޢުދުތައް ފުއްދުމަށް އެތައް ގޮންޖެހުމަކާއެކުވެސް ކުރައްވާ މަސައްކަތް އެކައުންސިލުންވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ކުރިއަށް އޮތް 2 އަހަރަކީވެސް އެރަށާއި ރާއްޖޭގެ ހުރިހާ ސަރަޙަދެއްގައިވެސް ތަރައްޤީގެ އިތުރު މަޝްރޫޢުތައް ހިންގޭނެ ފަހި ދެއަހަރަށްވާނެކަމަށް ކައުންސިލާއި ރައްޔިތުން އުއްމީދުކުރާކަމަށްވެސްވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގަތީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ. ވޭތުވެދިޔަ ތިން އަހަރު ސަރުކާރުންވަނީ ރައްޔިތުންނަށް ބޭނުންވާ އެކި މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަވާފައެވެ. އަދި ކުރިއަށް އޮތް އަހަރަށްވެސް އެތައް މަޝްރޫޢެއް ބަޖެޓްކޮށް ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.