ޚަބަރު

ދުނިޔޭގައި އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ރަށަކަށް ލާހޫރު


ދުނިޔޭގައި އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވަނީ ޕާކިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ލާހޫރުކަމަށް ވައިގެ ފެންވަރު ދިރާސާކުރާ ކުންފުންޏަކުން ބުނެފިއެވެ.

ސުވިޓުޒަލޭންޑުގެ އައިކިޔު އެއަރއިން އާއްމުކޮށްފައިވާ މަޢުލޫމާތުތަކުން ދައްކައި ގޮތުގައި ލާހޫރުގެ ވައިގެ ފެންވަރު ހުރީ 348ގައެވެ. އެއީ ވައިގެ ތަޣައްޔަރުކަން އެންމެ ނުރައްކާތެރި މިންވަރުކަމަށްވާ 300އަށްވުރެ ބޮޑު ޢަދަދެކެވެ.

11 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ލާހޫރުގެ ވައިވަނީ ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ތަޣައްޔަރުވެފައެވެ. އޭގެ ސަބަބެއްކަމަށް ބެލެވެނީ ފިނި މޫސުމައި ދިމާކޮށް ވައި ތެއްވެފައިވަނިކޮށް ދަނޑުބިންތައް އެންދުމާއި އަގުހެޔޮ އަދި ފެންވަރުދަށް ޑީސަލް ބޭނުންކުރުމެވެ. ލާހޫރުގައި ދިރިއުޅޭ ރައްޔިތުންވަނީ ވައި ތަޣައްޔަރުވުމުގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތްނުކުރާކަމަށް ބުނެ ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް ދަޢުވައިވެސްކޮށްފައެވެ. ނަމަވެސް ޕާކިސްތާނުގެ ސަރުކާރުން ބުނެފައިވަނީ އެ ޤައުމުގެ ސަރަޙައްދުތަކުގެ ވައި ތަޣައްޔަރުވަނީ އިންޑިޔާއިން ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުންކަމަށެވެ.