ޚަބަރު

ވައި ތަޣައްޔަރުވުމުން ދިއްލީ ފުރަބަންދުކޮށްފި


ނުރައްކާތެރި މިންވަރަކަށް ވައި ތަޣައްޔަރުވުމުން އިންޑިޔާގެ ވެރިރަށް ނިޔު ދިއްލީ ފުރަބަންދުކޮށްފިއެވެ.

ދިއްލީގެ ސަރަޙައްދީ ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން މަދަރުސާތައް ހަފުތާއަކަށް ބަންދުކޮށް އުމުރާނީ މަސައްކަތްކުރުންވަނީ ހަތަރު ދުވަހަށް މަނާކޮށްފައެވެ. އަދި ސަރުކާރުގެ އިދާރާތައް ބަންދުކުރުމުގެ އިތުރުން މުޙިއްމު ބޭނުމެއްގައި ނޫނީ ދިއްލީއަށް ދަތުރުނުކުރުމަށްވެސްވަނީ އަންގައިފައެވެ. ނަމަވެސް ދިއްލީގެ ކޮމިޝަން ފޮރ އެއަރ ކޮލިޓީ މެނޭޖުމަންޓުންވަނީ މުއްދަތެއް ނެތް ގޮތަށް މަދަރުސާތައް ބަންދުކުރުމަށް އަންގައިފައެވެ.

ނިޔު ދިއްލީއަކީ ދުނިޔޭގައި އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ވެރިރަށެވެ. ޚާއްޞަކޮށް ފިނި މޫސުމައި ދިމާކޮށް ވައި ތެއްވުމުގެ ސަބަބުން ނިޔު ދިއްލީ ދިރިއުޅޭ 22 މިލިޔަން މީހުންނަށް ނޭވާލާން އުނދަގޫވެ ބޮޑެތި ޞިއްޙީ މައްސަލަތަކައި ކުރިމަތިލާން ޖެހެއެވެ. ނިޔު ދިއްލީގެ ވައި އިންތިހާއަށް ތަޣައްޔަރުވަނީ ކައިރި ސަރަޙައްދުތަކުގެ ދަނޑުބިންތައް ސާފުކުރުމަށް އަލިފާން ރޯކުރުމާއި ބޯޓުދެލިން ހިންގައި އިންޖީނުގެތަކުންނާއި ދުއްވައި އުޅަނދުތަކުން ބޭރުވާ ދުމުގެ ސަބަބުންނެވެ. އިންޑިޔާގެ ތިމާވެއްޓާބެހޭ ވުޒާރާއިންވަނީ ދިއްލީ ކައިރީގައި ބޯޓުދެލިން ހިންގައި އިންޖީނުގެތައް ބަންދުކުރުމަށް އަންގައިފައެވެ.

އިންޑިޔާގެ ވެރިރަށް ނިޔު ދިއްލީގެ ވައި ތަޣައްޔަރުވާ މައްސަލަ ޙައްލުކުރުމަށް އިންޑިޔާގެ ސުޕުރީމު ކޯޓުންވަނީ އެ ޤައުމުގެ މައި ސަރުކާރަށް ޢަމުރުކޮށްފައެވެ. އެ ކޯޓުން ނެރުނު ޢަމުރެއްގައި ބުނެފައިވަނީ ނުރައްކާތެރި މިންވަރަކަށް ދިއްލީގެ ވައި ތަޣައްޔަރުވެފައިވާކަމަށާއި އެއީ މިހާރުން މިހާރަށް ޙައްލުކުރަން ޖެހިފައިވާ މައްސަލައެއްކަމަށެވެ.