ޚަބަރު

އަތޮޅުތަކުގެ ތަރައްޤީ ހަގީގަތަކަށްވި 3 އަހަރު


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވެރިކަމާއި ހަވާލުވެވަޑައިގަތީ އިސްލާޙީ ތަރައްޤީގެ އެތައް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަން ޖެހޭކަން ދެނެވަޑައިގެން އެކަންކަން ކުރައްވާނެކަމަށް ވަޢުދުވެވަޑައިގަންނަވަމުންނެވެ. ރާއްޖޭގެ ގިނަ ރަށްރަށް އޮތީ އަސާސީ އެތައް ޚިދުމަތަކުން މަޙްރޫމްވެފައެވެ. ވެރިކަމުގެ 5 އަހަރުގެ ދަޢުރުގެ ތެރޭގައި ކޮށްދެއްވަން ނިންމެވި ކަންކަން ގިނައެވެ. އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަންދެއްވީ އަތޮޅުތަކުގެ ތަރައްޤީއާ ގުޅުހުންހުރި މަޝްރޫޢުތަކާއި ޢާއްމު ރައްޔިތުންގެ ބޭނުންތައް ފުރިހަމަކުރެއްވުމަށެވެ.

ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ނިޒާމާއި މަގުހެދުމާއި ބަނދަރު ހެދުމާއި ހޮސްޕިޓަލްތައް ޢިމަރާތްކުރުމާއި އެތަންތަނުގެ ވަޞީލަތްތައް ފުރިހަމަކުރުމާއި ޞިއްޙީ މަރުކަޒުތަކާއި ސްކޫލްތަކަށް ދިމާވެފައިވާ މައްސަލަތައް ޙަލުކުރުމަކީ ކުރަންޖެހުނު މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މީގެއިތުރުން ރަށްރަށުގެ ބިމުގެ ދަތިކަމާއި، ރަށްގިރުމާއި، ކުނި މެނޭޖްކުރެވޭނެ އެކަށީގެންވާ އިންތިޒާމުތައް ހަމަނުޖެހި ހުރުމުގެ އިތުރުން، މީރުފެން ރަށްކާކުރާނެ އިންތިޒާމުތައް ނެތުމުގެ އުނދަގޫތައް ރަށްޔިތުންނަށް އޮތީ އިންތިހާއަށް ކުރިމަތިވެފައެވެ. މިއީވެސް ޙައްލުކުރަންވަން ޖެހިވަޑައިގެންނެވި ކަންކަމެވެ.

17 ނޮވެންބަރު 2018ގައި ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން މިކަންކަމަށް ޚާއްސަ އިސްކަމެއްދެއްވައިގެން ސަރުކާރުންވަނީ މަސައްކަތް ފަށްޓަވާފައެވެ. އެންމެ ބޭނުންވި ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ކޯވިޑާ ގުޅިގެން ދަތިތަކެއް ކުރިމަތިވިއެވެ. ދަތުރުފަތުރު ހުއްޓި މަޝްރޫޢުތައް ކުރިއަށްގެންދިޔަ ކުންފުނިތަކަށް ތަކެތި ލިބުން މެދުކެޑުމާއި، މަސައްކަތްކުރަން ތިބި މީހުން ޕޮޒިޓިވްވެ ސައިޓްތައް އެއްކޮށް ބަންދުކުރަން ޖެހުމުން ބައެއް މަޝްރޫޢުތައް ލަސްވެގެންދިޔައެވެ. އެހެން ނަމަވެސް ކޯވިޑްގެ ނުރައްކާތެރި ހާލަތުގައިވެސް ބައެއް ރަށްރަށުގެ މަޝްރޫޢުތައް ނިންމަމުން ދިޔައެވެ.

ކޮންމެއަކަސް ދިމާވި ދަތިތަކައިއެކު ސަރުކާރަށް މިވީ 3 އަހަރުގެ ތެރޭގައި މުހިއްމު ބައެއް ދާއިރާތަކުގެ މަޝްރޫޢުތައް ގޮސްފައިވާ ހިސާބަށް ބަލާލާނަމެވެ.

މިދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތްފަށައި ގިނަ ރަށްރަށުގެ މަސައްކަތް ނިންމާލުމަށް ސަރުކާރުންވަނީ އަމާޒް ހިފާފައެވެ. އެގޮތުން މިހާރު ފެނާއި، ނަރުދަމާގެ 56 މަޝްރޫއެއްގެ ޢަމަލީ މަސައްކަތް ކުރެވެމުން އެބަދެއެވެ. 62 މަޝްރޫޢެއްވަނީ ކޮންޓްރެކްޓް ކޮށްފައެވެ. ބަނދަރުހެދުން ނުވަތަ ޖެޓީ ހެދުމުގެ 39 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ކުރަމުންދެއެވެ. 25 ރަށެއްގެ ބަނދަރުހެދުމުގެ މަސައްކަތްވަނީ ނިންމާލާފައެވެ. 9 ރަށެއްގެ ބަނދަރުހެދުމުގެ މަޝްރޫޢު ކޮންޓްރެކްޓް ކުރެވިފައެވެ.

މަގު ހެދުމުގެ މަޝްރޫޢޫތަކަށް ބަލާއިރު، 4 ރަށެއްގެ މަސައްކަތްވަނީ ނިންމާލާފައެވެ. މަގުހެދުމުގެ 12 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިހާރުވެސްދަނީ ކުރަމުންނެވެ. 9 މަޝްރޫޢެއްވަނީ ކޮންޓްރެކްޓް ކުރެވިފައެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 11 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ކުރިއަށްދެއެވެ. 3 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްވަނީ ނިންމާލާފައެވެ. 6 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރުޢުވަނީ ކޮންޓްރެކްޓް ކުރެވިފައެވެ. ރާއްޖޭގައި މިހާރު ބިންހިއްކުމުގެ 5 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް އެބަދެއެވެ. 3 އަހަރު ތެރޭގައި 4 ރަށެއްގެ ބިންހިއްކާފައިވެއެވެ. 8 ރަށެއްގެ ބިންހިއްކުމުގެ މަސައްކަތްކުރުމަށް މިހާރުވަނީ ކޮންޓްރެކްޓް ކުރެވިފައެވެ. ބޯހިޔާވަހިކަމަށް ބަލާއިރު، ބޯހިޔާވަހިކަމުގެ 4 މަޝްރޫޢެއްވަނީ ދައުރުގެ މިހާތަނަށް ނިންމާލާފައެވެ. 5 މަޝްރޫއެއްގެ ޢަމަލީ މަސައްކަތް މިހާރު ކުރިއަށްއެބަދެއެވެ.

ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި ހޯރަފުށި އެއަރޕޯޓް ތަރައްޤީކޮށްފައިވާއިރު، ފަރެސްމާތޮޑާ އެއަރޕޯޓާއި، މުލީ އެއަރޕޯޓުގެ އަމަލީ މަސައްކަތްބާރަށް ކުރިއަށްއެބަގެންދެއެވެ. އަދި 1 އެއަޕޯޓުގެ މަޝްރުޢު މިހާރިވަނީ ކޮންޓްރެކްޓް ކުރެވިފައެވެ.

ސަރުކާރުން ރަށްރަށުގައި ކުރިއަށްގެންދާ އިންޖީނުގެތައް އިމާރާތްކުރުމުގެ މަޝްރޫޢުގެދަށުން މިހާތަނަށް 22 ރަށެއްގެ އިންޖީނުގެ އަޅާފައިވާއިރު، 38 ރަށެއްގެ ޢަމަލީ މަސައްކަތް ފަށައިގެންދަނީ ކުރަމުންނެވެ. އަދި އިންޖީނުގޭގެ އޮފީސް ޢިމާރާތުގެ ގޮތުގައި 5 ރަށެއްގެ އޮފީސް އިމާރާތްވަނީ ނިންމާލާފައެވެ. މިހާރުވެސް 39 ރަށެއްގެ އިންޖީނުގޭގެ އޮފިސް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރަމުންނެވެ.

ޕީއެސްއައިޕީގެ ދަށުން ކުނިކޮށި ހަދައި އަޕްގްރޭޑްކުރުމުގެ 10 މަޝްރޫޢެއްވަނީ 3 އަހަރުތެރޭގައި ނިންމާލާފައެވެ. ތަޢުލީމީ ދާއިރާއަށް ބަލާލާއިރު ސްކޫލްތަކާ ގުޅުހުރި ތަފާތު 24 މަޝްރުޢެއް މިމުއްދަތުގެ ތެރޭގައިނިމި، 38 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތްދަނީ ކުރަމުންނެވެ. ސަރުކާރުން މި 3 އަހަރުގެ ތެރޭގައިވަނީ 6 މިސްކިތެއް ބިނާކޮށްފައެވެ. އަދި 4 މިސްކިތެއް ޢިމާރާތްކުރުމުހެ ޢަމަލީ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ. ކުޅިވަރުގެ ދާއިރާގެ 109 މަޝްރޫޢު 3 އަހަރުން ނިންމާލިއިރު، މިހާރުވެސް 77 މަޝްރޫއެއްގެ އަމަލީ މަސައްކަތްދަނީ ކުރިއަށެވެ.

ކޯވިޑާއި ގުޅިގެން ރާއްޖެއަށްވެސް ލިބުނު އެންމެ ބޮޑު އެއް ފިލާވަޅަކީ ޞިއްޙީދާއިރާ ރަނގަޅުކުރަން ޖެހިފައިވާ މިންވަރު ހާމަވުމެވެ. ސަރުކާރުންވަނީ ރާއްޖޭގެ 5 ސަރަޙައްދުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި މުހިންމު ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން މީގެ ކުރިން އަތޮޅު ހޮސްޕިޓަލްތަކާއި ސަރަޙައްދީ ހޮސްޕިޓަލްތަކުން ލިބެން ނެތް އެތައް ޚިދުމަތްތަކެއްވަނީ މިހާރު ލިބެއެވެ. މިއާއެކު ޞިއްޙީ ކިތަންމެ ކުޑަ ޚިދުމަތެއް ހޯދުމަށްވެސް މާލެ އަންނަންޖެހުން މިވަނީ ނިމުމަކަށް އައިސްފައެވެ. ޞިއްޙީ ދާއިރާގެ 11 މަޝްރޫއެއް 3 މި އަހަރުތެރޭގައި ވަނީ ނިންމާފައެވެ. އަދި މިހާރު 26 މަޝްރޫއެއްގެ އަމަލީ މަސައްކަތްދަނީ ކުރެވެމުންނެވެ.

ތަރައްޤީގެ މަގުގައި ސަރުކާރުން ކުރިއަސް ގެންދަވާ އެންމެ މުހިންމު އެއް މަސައްކަތަކީ މީހުން ބިނާކުރުމެވެ. ޒުވާނުން ބިނާކުރުމަށް ސަރުކާރުންދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ނިސްބަތްވާ ޒުވާނުންނަށް ތަޢުލީމާއި ތަމްރީނުގެ އެތައް ފުރުސަތެއް ފަހިކޮށްދެއްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ މުހިއްމު އެއް ވަޢުދުފުޅު، ކޮންމެ ކުއްޖަކަށް ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމްގައި މިހާތަނަށް 10000 ދަރިވަރުންނަށް ވަނީ ޖާގަދީފައެވެ. މި ޕްރޮގްރާމްގެ ތެރެއިން މިހާރު މަތީތަޢުލީމް ޙާސިލްކުރަމުންގެންދާ 9000އަށްވުރެ ގިނަ ދަރިވަރުންނަށް ސަރުކާރުންވަނީ 327 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.

ތަރައްޤީގެ ދާއިރާއިން ސަރުކާރުގެ 3 އަހަރުގެ ތެރޭގައި ނިންމުމަށް އަމާޒްހިފި ބައެއް ލަނޑުދަނޑިތައް އެންމެ ބޭނުންވި މިންވަރަށް ހާޞިލުނުކުރެވުނު ނަމަވެސް ކުރިއަށް މިއޮތް އަހަރުގެ ތެރޭގައި، މިހާރު އަމަލީ މަސައްކަތް ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ނިންމަން އިސްކަން ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފައެވެ. އެގޮތުން 2022ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވަނީވެސް ރާއްޖެއަށް ދިމާވެފައިވާ ދުވަސްވީ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށްކަމަށް ސަރުކާރުންވަނީ ހަމާކޮށްފައެވެ.