ޚަބަރު

ނަފްރަތު ހުއްޓުވުމާއި ދީނަށް ފުރައްސާރަކުރުން މަނާކުރާ ބިލް ފާސްކޮށްފި


ނަފްރަތުގެ ޢަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ހުށަހެޅި އިބްލާހުގެ ބިލާއި، އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ޖިނާއީ ކުށަކަށް ހަދަން ހުށަހެޅި ބިލް އެއްކޮށްލައިގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. އެގޮތަށް ފާސްކުރީ 50 މެމްބަރުންގެ ވޯޓާއެކުއެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.

ނަފްރަތުގެ ޢަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޤާނޫނުލްޢުޤޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިޞްލާޙުތަކާމެދު އެފެދުނުއެންމެ ބޮޑު ކަންބޮޑުވުމަކީ ނަފްރަތުގެ އަމަލަކަށްވާ ސަބަބު ތަފްސީލްވެފައި ނެތުމެވެ. އެހެންކަމުން ކޮމިޓީން މިހާރުވަނީ އެކަން ތަފްސީލްކޮށްދީފައެވެ. އެގޮތުން އިސްލާމްދީނުގެ އުސޫލުތައް ބަޔާންކޮށްދިނުމަކީ ކުށަކަށް ނުވާނެކަން، ސާފުކޮށް ބަޔާންކުރާ މާއްދާއެއް މިހާރު ވަނީ ބިލަށް އިތުރުކޮށްފައެވެ. އެގޮތުން މި ބިލު ތަފްސީލްކުރުމުގެ ގޮތުން ކޮމިޓީން ވަނީ ތަކްފީރުކުރުމަކީ ކޮބައިކަންވެސް އިތުރަށް ތަފްސީލުކޮށްދީފައެވެ. އަދި އެބިލުގައި މިހާރު އޮތްގޮތުން ޖިނާއީ ކުށަަކަށްވާނީ ވަކި ޝަރުތުތަކެއް ހަމަނުވާ ހާލަތްތަކުގައި ކުރާ ތުހުމަތަށްކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އިސްލާމްދީނާމެދު މީސްތަކުންގެ މެދުގައި ނަފުރަތު އުފެއްދުމާއި ދީނަށް ފުރައްސާކުރުމާއި ދީނާ ޚިލާފުވާހަކަ ދެއްކުމަކީވެސް ޖިނާއީ ކުށެއްގެގޮތުގައި ކަނޑައަޅައި ޤާނޫނުލްއުޤޫބާތައް ހުށައެޅި ބިލަށްވެސް ކޮމިޓިން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި އެ ބިލުގައިވެސް މާއްދާތައް ވަނީ އިތުރަށް ތަފްސީލްކޮށްދީފައެވެ. މިގޮތުން މިބިލުގައި އިސްމްދީނަށް ތައުހީނުކުރުމުގެ ކުށް މިހާރު މާނަކޮށްފައިވަނީ މުވާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ ޢަމަލުން އިސްލާމްދީނާމެދު ދޮގު މައުލޫމާތެއް ފެތުރުން ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުމެވެ.

މި ދެބިލް އެއްކޮށްލައިގެން މަޖިލީހުން ފާސްކޮށްފައިވާއިރު، މި ބިލްތަކާމެދު މެންބަރުންނާއި ޢާންމުންގެ ކަންބޮޑުވުންތަކަށް ވަނީ ރިޔާއަތްކޮށްފައެވެ. އެގޮތުން ބަންޑާރަނާއިބާ ބައްދަލުކުރައްވައި ޚިޔާލު ހޯއްދަވައި އިޞްލާހުތަކެއް ގެނެސްފައިވެއެވެ.