ޚަބަރު

ހިޖުރަވެރިންގެ މައްސަލާގައި ބެލަރުސްސަށް ދަތިކުރުމުގެ ފިޔަވަޅު އަޅަނީ


ހިޖުރަވެރިންގެ މައްސަލާގައި ބެލަރުސްސާ ދެކޮލަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ވިލާތުގެ އިއްތިޙާދުން ނިންމައިފިއެވެ.

ފާއިތުވި ދުވަސްތަކުގައި އެތައް ހާސް ހިޖުރަވެރިންނެއްވަނީ ޕޮލޭންޑާއި ބެލަރުސް ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާވެފައެވެ. އެ މީހުން މަސައްކަތްކުރަނީ ޕޮލޭންޑު މަގުން ވިލާތަށް ހިޖުރަކުރުމަށެވެ. ނަމަވެސް އެ ފުރުޞަތު ނުލިބި ގަދަ ފިނީގައި އެ މީހުންވަނީ ޙާލުގައި ޖެހިފައެވެ. ޕޮލޭންޑާއި ވިލާތުގެ އެހެން ޤައުމުތަކުން ތުޙްމަތުކުރާ ގޮތުގައި ބެލަރުސްސުންވަނީ ވިލާތަށް ހިޖުރަކުރުމަށް އެތައް ހާސް ހިޖުރަވެރިންނަށް ބާރުއަޅައިފައެވެ. އޭގެ ސަބަބެއްކަމަށް ޕޮލޭންޑާއި ވިލާތުގެ އެހެން ޤައުމުތަކުން ޤަބޫލުކުރަނީ ވިލާތުގެ އިއްތިޙާދުން މީގެ ކުރިން ބެލަރުސްސަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބަދަލުހިފުމަށެވެ.

ވިލާތުގެ ޚާރިޖީ އަދި ސަލާމަތީ ސިޔާސަތުތަކާބެހޭ އެންމެ އިސް މަންދޫބު ޖޮސެޕު ބޮރެލް ވިދާޅުވި ގޮތުގައި ވިލާތުގެ އިއްތިޙާދުން ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައިވަނީ ޤަވައިދާ ޚިލާފަށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރުމަށް ބާރުއަޅާފައިވާ ބެލަރުސްގެ ފަރާތްތަކާ ދެކޮޅަށެވެ. ވިލާތުގެ އިއްތިޙާދުން މީގެ ކުރިން ބެލަރުސްސާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ބުނެ އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާ ދެކޮޅަށް އެ ޤައުމުގެ ސަރުކާރުން އަނިޔާވެރިކަމާއެކު ޢަމަލުކޮށްފައިވާކަމަށް ބުނެއެވެ.