ކުޅިވަރު

އިޓާލީ މިފަހަރުވެސް ޕްލޭ އޮފް ކުޅެން ޖެހިއްޖެ


އިޓަލީވިލާތާއި ނޯދަން އަޔަލަންޑް ބައްދަލުކުރިމެޗް އެއްވަރުވެ އިޓާލީވިލާތް މިފަހަރުވެސް ޕްލޭ އޮފް ކުޅެން ޖެހިއްޖެއެވެ. ނޯދަން އަޔަލަންޑްގައި ކުޅުނު މިމެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މިމެޗްގައި އިޓަލީން ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރި ނަމަވެސް ނޯދަން އަޔަލަންޑުން ޑިފެންޑް ކުރިލެއް ވަރުގަދަކަމުން އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އަދި ނޯދަން އަޔަލަންޑުންވެސް މިމެޗްގެ ދެވަނަ ހާފްގައި ލިބޭ ހުސް ފުރުސަތުތަކުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކޮށްފައިވެއެވެ. މިގޮތުން ލަނޑު ޖަހާނެ ރަނަގަޅު ދެތިން ފުރުސަތު އެޓީމުން ވެސް މިމެޗްގައި ހޯދާފައިވެއެވެ. މިގޮތުން މެޗުގެ އެންމެ ފަހު މިނެޓުގައި ނޯދަން އަޔަލަންޑުގެ ކޯނޯ ވޮޝިންގޓަންއަށް ލަނޑު ޖަހާނެ ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އޭނާ ކީޕަރުވެސް ކަޓުވާލުމަށްފަހު ގޯލަށް ފޮނުވާލި ބޯޅަ ސަލާމަތްކުރީ ގޯލް ރޮނގުމަތިން އިޓަލީގެ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީއެވެ.

މިމެޗް އެއްވަރު ވުމުން 2018 ވަނަ އަހަރެކޭ އެއްގޮތަށް މިފަހަރުވެސް
އިޓަލީވިލާތަށް ޖެހިފައިމިވަނީ ޕްލޭ އޮފް ކުޅެގެން ވާރލްޑް ކަޕަށް ކޮލިފައިވާށެވެ. އަދި މިދިޔަ ފަހަރުގެ ހިތްދަތި ނިމުން އަނެއްކާވެސް ތަކުރާރު ވެދާނެކަމުގެ ބިރު އިޓަލީވިލާތުގެ ރައްޔިތުންނަށްވަނީ ހީވަން ފަށާފައެވެ. ރޭގެ މެޗްތަކަށް ނިކުންއިރު އިޓަލީވިލާތް އޮތީ ޖަހާފައިވާ ގޯލަށް ބަލާ ގްރޫޕް ސީގެ އެއްވަނައިގައެވެ. ނަމަވެސް ސްވިޓްޒަލަންޑުން އެޓީމްގެ މެޗް ކާމިޔާބު ކުރުމާއެކު މިގްރޫޕުން ވާރލްޑް ކަޕަށް ސިދާ ކޮލިފައިވެފައިވަނީ ސްވިޓްޒަލަންޑެވެ. އިޓަލީއަށް މިހާރު ޖެހިފައިވަނީ މިއަންނަ އަހަރުގެ މާރޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްލޭ އޮފްގެ ދެމެޗް ކާމިޔާބުކޮށް ވާރލްޑް ކަޕުން ޖާގަހޯދާށެވެ. މިއަހަރުގެ ޔުރޯ ކާމިޔާބު ކުރިފަހުން އިޓަލީގެ ކުޅުމުގެ ފެންވަރު ވަނީ ދައްވާން ފަށާފައެވެ. މިގޮތުން ނޭޝަންސް ކަޕްގެ ސެމީފައިނަލްގައި ސްޕެއިން އަތުން ބަލިވިއިރު ކޮލިފައިންގައި މުހިންމު މެޗްތަކެއްގައިވަނީ ރަނގަޅަށް ނުކުޅެވިއެވެ.

އިޓަލީގެ ކޯޗް ރޮބާޓޯ މަންޗީނީ ބުނީ ޕްލޭ އޮފް ކާމިޔާބުކޮށް ވާރލްޑް ކަޕަށް ކޮލިފައިވުމަށް އޭނާގެ ޓީމް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ. އަދި ވާރލްޑް ކަޕަށް ކޮލިފައިވެ އެމުބާރާތް ކާމިޔާބު ކުރެވޭނެކަމުގެ އުންމިދުވެސް ވަރަށް ބޮޑު ކަމުގައި މަންޗީނީ ބުންޏެވެ. އަދި ކޮލިފައިންގައި ބަލްގޭރިއާ އާއި ބައްދަލުކުރިމެޗް އޭނާގެ ޓީމަށް ކާމިޔާބު ކުރެވެން ޖެހޭ ކަމަށާއި އަދި ސްވިޓްޒަލަންޑް މެޗްގައި ދެޕެނަލްޓީ ލިބެން ޖެހޭކަމަށްވެސް އޭނާ ބުންޏެވެ. ސްވިޓްޒަލަންޑް މެޗްގައި އިޓަލީވިލާތަށް ލިބުނު ޕެނަލްޓީ އެޓީމަށް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.