ޚަބަރު

މަޞްރަޙު ފިނިކުރުމަށް ޗައިނާއާއި އެމެރިކާގެ ރައީސުން 3 ގަޑިއިރު މަޝްވަރާކޮށްފި


މަޞްރަޙު ފިނިކުރެއްވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންނާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން 3 ގަޑިއިރުގެ މަޝްވަރާތަކެއް ކުރައްވައިފިއެވެ.

ވީޑިޔޯ މެދުވެރިކުރައްވައި ކުރެއްވި މަޝްވަރާތަކުގައި ބައިޑަން ވިދާޅުވެފައިވަނީ ކުރިމަތިލުމަކަށް ނުގޮސް ދުނިޔޭގައި ހަމަޖެހުން ޤާއިމުކުރުމަށް ޗައިނާއާއި އެމެރިކާގެ ޒިންމާއެއް އޮތްކަމަށެވެ. އެ ބައްދަލުވުމަށްފަހު އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓު ހައުސުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝިންޖިޔާންނާއި ޓިބެޓާއި ހޮން ކޮންގާމެދު ޗައިނާއިން ގެންގުޅޭ ސިޔާސަތުތަކާމެދު ޝީއާ ބައިޑަން ސުވާލުކުރެއްވިކަމަށެވެ. އެ ގޮތުން ތައިވާނާ ގުޅޭގޮތުން ގެންގުޅޭ ވަން ޗައިނާ ޕޮލިސީއަށް އިޚްތިރާމުކުރައްވައިކަމަށް ބައިޑަން ވިދާޅުވެފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފާއިތުވި ދުވަސްތަކުގައި ޗައިނާއާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އުފެދުނު މައިގަނޑު އެއް ސަބަބަކީ ތައިވާނެވެ. ޗައިނާއިން ޤަބޫލުކުރާ ގޮރުގައި ތައިވާނަކީ ޗައިނާގެ ބައެކެވެ. އަދި ޗައިނާއިން ވަކިވުމަށް މަސައްކަތްކުރާނަމަ އަސްކަރީ ފިޔަވަޅު އަޅާނެކަމަށް ޗައިނާއިންވަނީ ތަކުރާރުކޮށް ބުނެފައެވެ. ބައްދަލުވުމަށްފަހު ޗައިނާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތައިވާނާމެދު ޗައިނާއިން ގެންގުޅޭ ސިޔާސަތުތައް ޝީ ތަކުރާރުކުރެއްވިކަމަށެވެ. އަދި ޗައިނާއާއި އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދުތައްކަމަށާއި އދގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ދެ ޤައުމުކަމަށް ވިދާޅުވަމުން ޝީވަނީ ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށާއި ދެ ޤައުމުގެ ދެމެދުގައި ރަނގަޅަށް މުވާސަލާތުކުރުމުގެ މުޙިއްމުކަމާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ.

މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ވެރިކަމާ ޙަވާލުވެވަޑައިގަތް ބައިޑަންނާއި ޝީ ބައްދަލުކުރެއްވިފައެއް ނުވެއެވެ. އެ ދެ ބޭފުޅުން މަޝްވަރާކުރައްވަނީ ވީޑިޔޯ ނުވަތަ ފޯނު މެދުވެރިކޮށެވެ. އެ ގޮތުން އެންމެ ފަހުން ބައިޑަންނާއި ޝީ ފޯނު މެދުވެރިކޮށް މަޝްވަރާކުރެއްވީ މިދިޔަ ސެޕުޓެންބަރު މަހުގެ ތެރޭގައެވެ.