ކުޅިވަރު

ކޮންމެ ޓީމަކީ ތަފާތު ޓީމެއް، އަހަރަމެން މިތިބީ މޮޅުވުމުގެ ރޫހުގައި: ލެމޯސް


ފޯނޭޝަންސް ކަޕުގައި ލަންކާއަށް ދެކޮޅަށް ނުކުންނައިރު މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކީވެސް ތަފާތު ޓީމެއް ކަމަށާއި ލަންކާ ދެކޮޅަށް ނުކުންނައިރު ބަންގްލަދޭޝް އޮތީ މޮޅުވުމުގެ ރޫހުގައި ކަމަށް ބަންގްލަދޭޝްގެ ކޯޗު މާރިޔޯ ލެމޯސް ބުނެފިއެވެ.

މެޗަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބަންގަލަދޭޝްގެ ކޯޗު ބުނީ މެޗުއް ބަލިވެއްޖެ ނަމަ ކުރީގެ ދެމެޗުގައި ބަންގަލަދޭޝްއިން ދެއްކި ކުޅުމުގެ ވާހަކަ އެއްވެސް ބަޔަކު ދައްކަން ބޭނުންނުވާނެކަމަށެވެ. ލަންކާގެ ދެމެޗުން އޭނާއަށް ފާހަގަކުރެވުނު ގޮތުގައި ރަނގަޅުކުޅުމެއް ނުދެއްކުނު ނަމަވެސް ޓީމާއެކު ސަޕޯޓަރުން ތިބި މަންޒަރު ފެނުނުކަމަށް ލެމޯސް ފާހަގަކުރިއެވެ.

ލަންކާދެކޮޅަށް ކުޅެވޭނީ ވަރަށް ބޮޑަށް ސަމާލުވެގެން ކަމަށާއި ވަރަށް ފަރުވާތެރިވެގެން ކަމަށް ބަންގްލަދޭޝްގެ ކޯޗު ބުންޏެވެ. ލެމޯސް ބުނީ މުބާރާތުގައި ވާދަކުރަން އައީ ރަނގަޅު ފުޓްބޯޅައެއް ކުޅުމުގެ މަގްސަދުގައި ކަމަށާއި އެހެންކަމުން މެޗުތަކުގައި ރަނގަޅަށް ކުޅެފިކަމަށްވާނަމަ ނަތީޖާ ހޯދޭނެކަން ބަންގްލަދޭޝްއިން މުބާރާތުގައި ސާބިތުކޮށްދީފައިވާ ކަމަށް ލެމޯސް ބުންޏެވެ.

ބަންގްލަދޭޝް އޮތީ ފައިނަލާ އެއްފިޔަވަޅު ގާތުގައި ކަމަށާއި ބޭނުންވަނީ ލަންކާ އަތުން މޮޅަކާއެކު ފައިނަލް ޔަގީން ކުރަން ކަމަށް ލެމޯސް ބުންޏެވެ. ލެމޯސް ބުނީ ދެކުނު އޭޝިޔާގެ ރީޖަންގައި ފުޓްބޯޅައިގަ މާބޮޑު ތަފާތެއް އޭނާއަށް ފާހަގަ ނުކުރެވޭ ކަމަށާއި ކޮންމެ ސަރަހައްދެގައި މަސައްކަތް ކުރި ނަމަވެސް ފުޓްބޯޅަ ވާނީ ފުޓްބޯޅައަށްކަމަށެވެ. ލެމޯސް ބުނީ މި ސަރަހައްދުގައި ފުޓްބޯޅައިގަ އޭނާއަށް ތަފާތަކަށް ފާހަގަކުރެވުނީ ޓީމުތެކުގެ ފެންވަރުކަމަށެވެ. ޔޫރަޕުގައި ފުޓްބޯޅައިގައި ހުރިހާ ކަމެއް ހުންނީ އެންމެ ރަނގަޅަކަށް ނޫންކަމަށް ޕޯޗުގަލްއަށް އުފަން ލެމޯސް ބުނިއެވެ.

" މިއީ ވަރަށް އުނދޫގޭ މެޗަކަށްވާނެ، އަހަރެމެން މިހާރު މިތިބީ ފައިނަލާ ވަރަށް ގާތުގައި، އަހަރެން ބޭނުމީ ލަންކާ މައްޗަށް ކުރި ހޯދަން، މޮޅުވެގެން ފައިނަލަށް ދާން." ކުރިން މެލޭޝިޔާ އަދި ތައިލޭންޑްގަ ވެސް މަސައްކަތް ކުރި ކޯޗު ބުންޏެވެ.

ބަންގަލަދޭޝް ކޯޗު ބުނީ ކޮންމެ ހާލަތެއްގައި އޮތް ނަމަވެސް ބަންގްލަދޭޝްއިން މަސައްކަތް ކުރާނީ މޮޅަށް ކުޅެ ރަނގަޅު ފުޓްބޯޅައެއް ކުޅުމަށްކަމަށެވެ. ބަންގްލަދޭޝް އިން ކޮލަމްބޯގައި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ލަންކާ އަތުން ބަލިވީ 1-0 އިންނެވެ.

2010 ވަނަ އަހަރު ކޮލަމްބޯގައި ކުރިއަށްދިޔަ އޭއެފްސީ ޗެލެންޖް ކަޕްގައި ލަންކާ އިން ވަނީ 3-0 އިން ބަންގްލަދޭޝް ބަލިކޮށްފައެވެ.