ކުޅިވަރު

ސާފުން ލިބުނު ނާކާމިޔާބީން އަރައިގަންނަން މިތަށި ވަރަށް މުހިންމު: އަކްރަމް


ސްރީލަންކާގައި މިހާރު ކުރިޔަށްދާ ފޯނޭޝަންސް ކަޕް ކާމިޔާބު ކުރަން ވަރަށް މުހިންމު ކަމަށް ރާއްޖޭގެ ޤައުމީޓީމުގެ ކެޕްޓަން އަކުރަމް ޢަބްދުލްޣަނީ ބުނެފިއެވެ.

ލީގު އުސޫލުން ކުޅޭ މުބާރާތުގެ ފަހު މެޗުގައި ސީޝޭލްސާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން އަކުރަމް ބުނީ ޓީމާމެދު އިތުބާރު ކުރާކަމަށާއި ޓީމުގައި އެއްވެސް މައްސަލައެއްނެތްކަމަށެވެ. ސާފްގެ ނާކާމިޔާބީން އަރައިގަތުމަށް މިތަށި ކާމިޔާބުކުރުމުގެ މުހިންމުކަން އަކުރަމް ވަނީ ފާހަގަކޮށްފައެވެ.

ހިލްޓަން ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކުރަމް ބުނީ އެންމެ ބޮޑު މައްސަލަކީ ނަތީޖާ ނުރެވުން ކަމަށާއި އޭގެއިތުރުން ބޭނުންވެގެން އުޅޭ ފުޓްބޯޅަ ވެސް ޓީމަށް ނުކުޅެވޭކަމަށެވެ. މުބާރާތުގައި މިހާތަނަށް ޤައުމީޓީމުގެ ނަތީޖާ ގޯސްވެފައި އޮތީ ޓީމުގެ ތެރޭގައި މައްސަލަ އޮވެގެން ނޫންކަމަށާއި މިހާލަތު ބަދަލުކުރުމަށްވ ޓީމުންކުރަމުންދާ މަސައްކަތަށް ނެގެޓިވް ގޮތަކަށް ނުގެނެސް ދިނުމަށް އަކުރަމް ވަނީ ރާއްޖޭގެ މީޑިޔާތަކަށް އިލްތިމާސްކޮށްފައެވެ. ރާއްޖޭގެ ޤައުމީޓީމާއެކު 2018 ވަނަ އަހަރުގެ ސާފްޗެމްޕިއަން ތަށި ހޯދައިދިން ކެޕްޓަން ބުނީ މުބާރާތައް ޓީމު ލަންކާއަށް އައީ ވެސް ތަށި ކާމިޔާބުކުރުމުގެ ވިސްނުމުގައިކަމަށެވެ.

އަކުރަމް ބުނީ ޓީމުގެ މަސައްކަތް ނުނިމޭ ކަމަށާއި ޓީމުގެ އެންމެން އެކުވެގެން މަސައްކަތް ކުރަމުން ދަނީ އެއް އަމާޒަކަށް ކަމަށެވެ. އެނާ ބުނީ ސާފް ޗެމްޕިއަންޝިޕްގައި ދެއްކިފަދަ ކުޅުމެއް އަދިވެސް މުބާރާތުގައި ދެއްކިއްޖެނަމަ ރާއްޖޭއިން މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަކުރަމް ބުނީ ނިމުނު ސާފްޗެމްޕިއަންޝިޕާ ބަލާއިރު ރާއްޖޭގެ ޓީމުގެ އެއްވެސް ކުޅުންތެރިޔަކަށް އެންމެ ރަނގަޅަށް އަދި ނުކުޅެވޭ ކަމަށެވެ.

" މީގަ މިއުޅޭ މައްސަލަ އަޅުގަނޑުމެން އެންމެ ވެގެން ހައްލުކުރުމުގެ މަސައްކަތް މި ކުރަނީ، އަޅުގަނޑުމެންތެރޭގެ އެއްވެސް ކުޅުންތެރިޔަކަށް އަދި އެންމެ ރަނގަޅަށް ނުކުޅެވިގެން މިއުޅެނީ" އަކުރަމް ބުންޏެވެ.

އަކުރަމް ބުނީ ވަރަށް ގިނަކަންކަން ސީޝޭލްސް މެޗުގައި ރަނގަޅުކޮށްގެން ނުނީ ބޭނުންވާ ނަތީޖާއަކަށް ނުދެވޭނެކަމަށެވެ. އެގޮތުން ދަނޑުމަތީގައި ކުރަމުންދާ މަސައްކަތުގެ އިތުރުން ކުޅުންތެރިންގެ ވިސްނުމަށް ވެސް ބޮޑު ބަދަލެއް އަންނަންޖެހޭ ކަމަށް އަކުރަމް ބުންޏެވެ. ލީގު ބުރުގެ ފަހު ދެ މެޗު މިއަދު ކުޅޭއިރު، ހަވީރު ކުޅޭނީ ސީޝެލްސް އާއި ރާއްޖެއެވެ. ދެ ވަނަ މެޗުގައި މިރޭ ލަންކާ ކުޅޭނީ ބަންގްލަދޭޝްއާއެވެ.

ބަންގްލަދޭޝާއި ސީޝެލްސްއަށް އެ މެޗުތައް އެއްވަރުކޮށްލައިގެން ވެސް ފައިނަލުގެ ޖާގަ ލިބޭނެއެވެ. ރާއްޖެއާއި ލަންކާއަށް ފައިނަލަށް ދެވޭނީ އެ މެޗުތަކުން މޮޅުވެގެންނެވެ. ހަތަރު ޓީމުގެ ޕޮއިންޓް އެއްވަރުވެއްޖެނަމަ ބަލާނީ ލަނޑުގެ ތަފާތަށެވެ. ފޯ ނޭޝަންސް ކަޕްގެ ލީގު ބުރުގެ ފަހު ދެ މެޗަށްދާއިރު، އެއް ވަަނައިގައި އޮތް ބަންގްލަދޭޝާއި ދެ ވަނައިގައި އޮތް ސީޝެލްސްއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.

ތިން ވަނައިގައި އޮތް ރާއްޖެ އާއި ހަތަރު ވަނައިގައި އޮތް ލަންކާ އަށް ދެ މެޗުން ވަނީ ޕޮއިންޓެއް ލިބިފައެވެ. ކޮންމެ ޓީމަކަށް ވެސް ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުސަތު އޮތީ ހުޅުވިފައެވެ.