އެކައުންޓިންގ ދާއިރާއަށް ގިނަ ޒުވާނުން ނެރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް އިފްތިތާޙު ކުރުމަށް މިރޭ ކްރޮސްރޯޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެކައުންޓްސް ފޯރަމް އިފްތިތާހް ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދަށް އަންނަ ކުރިއެރުމާއެކު، ބޭންކިންގ ދާއިރާއާއި، އިޤްތިޞާދީ ޞިނާޢަތުގައި، އެކައުންޓެންސީ ދާއިރާގެ ވަރަށް ގިނަ ވަޒީފާތައް މިހާރުވެސް އަންނަނީ އުފެދެމުން އަންނަކަމަށެވެ. ހަމައެއާއެކު ދައުލަތާއި ޕްރައިވެޓް ސެކްޓަރގެ މާލީ ކަންކަމާއި، ޓެކްސްގެ ކަންކަން ބަލަހައްޓާނެ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ރޯލު އިތުރަށް ފުޅާކުރުމުގެ ބޭނުންތެރިކަންވެސް މިހާރު ވަރަށް ބޮޑުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ވަޒީފާތަކަށް ސަރުކާރުންވެސް އަދި މި އިންޑަސްޓްރީވެސް ބޭނުންވަނީ، ކޮލިފައިޑް ޤާބިލް އެކައުންޓެންޓުން ކަމަށާއި، އެހެންކަމުން، މި ދާއިރާއިން މީހުން ބިނާކުރުމަކީ، މިވަގުތު ކުރަން ޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ޕްރޮފެޝަން ތަރައްޤީ ކުރުމަށްޓަކައި، މި އިންސްޓިޓިއުޓަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭނެ. އެކައުންޓެންޓުން ތަމްރީނުކޮށް، ފަންނީ ޤާބިލުކަން އިތުރުކުރުމަށް ފުރުޞަތުތައްވެސް ތަނަވަސްކޮށްދޭނެ. އެކައުންޓިންގ ދާއިރާއަކީ، ހެޔޮ ވެރިކަމުގެ ނިޒާމާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއެއް. މި ދާއިރާ ހަރުދަނާވެ ފުޅާވިވަރަކަށް، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ދެފުށް ފެންނަ މިންވަރު އިތުރުވެގެންދާނެ. އަދި ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ހަނިކުރެވި، ނަޒާހަތްތެރިކަމުގެ ސިފަ އަށަގަތުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ޤާނޫނުގެ ނަމުގައި، މިދިޔަ އަހަރު ޤާނޫނެއް ހަދައި ޢަމަލުކުރަން ފެށީ ވަރަށް މުހިންމު ބޭނުމެއްގައި ކަމަށެވެ. އެއީ، އެކައުންޓެންސީ ޕްރޮފެޝަން ކުރިއަރުވައި ތަރައްޤީ ކުރުން ކަމަށާއި، މި ދާއިރާއަށް ބޭނުންވާ ތަޢުލީމާއި ތަމްރީނާއި ވަސީލަތްތައް، މި ދާއިރާގެ ބޭފުޅުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އެހެންކަމުން، އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ފަންނީ ޤާބިލުކަމާއި، މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށް، މި އިންސްޓިޓިއުޓުން އަވަސް މަސައްކަތްތަކެއް ކޮށްދިނުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދާއިރާގައިވެސް ދިވެހިންނަށްވުރެ ބިދޭސީ އެކައުންޓެންޓުން ގިނަކަން ފާހަގަކުރައްވަމުން ރައީސުލުޖްމްހޫރިއްޔާ ވިދާޅުވީ މިހާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގައި ގާތްގަނޑަކަށް 4500 އަށްވުރެ ގިނަ ބިދޭސީން މަސައްކަތް ކުރައްވާކަމަށެވެ. އަދި ރާއްޖޭގައި އިންކަމް ޓެކްސް ދައްކާ މީހުންގެ 15 އިންސައްތައަކީ، އެކައުންޓިންގ ދާއިރާގެ މީހުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކައުންޓިންގ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިތުރުން، ޕްރޮފެޝަނަލް އެކައުންޓެންސީ ކޯސްތަކާމެދު ޒުވާނުން ޝައުޤުވެރިކުރުވައި، ގިނަ ޒުވާނުން މި ދާއިރާއަށް ނެރުމަކީ، މި އިންސްޓިޓިއުޓުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންޖެހޭނެ ކަމެއް ކަމަށެވެ. އަދި އެކަމަށް ހުރި ގޮންޖެހުންތަކާމެދު މި ފޯރަމްގައި މަޝްވަރާ ކުރައްވައި، ޙައްލުތަކެއް ހޯއްދެވުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
" މި ސަރުކާރުން ފަށައިގެން ކުރިއަށްގެންދާ، ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމަކީވެސް، ރާއްޖެއަށް ބޭނުންވާ ފަންނީ ދާއިރާތަކުން ތަޢުލީމީ ޒުވާނުން ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް. ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރޭގައި، މިހާރުވެސް އެކައުންޓިންގ ދާއިރާގެ ކޯސްތައް އެބަ ހިމެނޭ. އަދި މީގެއިތުރުންވެސް، ތިޔަބޭފުޅުންގެ މަޝްވަރާއާ އެކީގައި، މި ދާއިރާއަށް މީހުން ބިނާކުރުމުގައި، މި ޕްރޮގްރާމްގެ ތެރެއިން އަޅުގަނޑުމެންނަށް ސަރުކާރުން ކޮށްދެވެން ހުރި ކަންތައްތައް އިރާދަކުރެއްވިއްޔާ ކޮށްދީ، މަގުފަހިކޮށްދޭނަން". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެކައުންޓިންގގެ މަސައްކަތަކީ، ދައުލަތުގެ މުޅި ނިޒާމު އޭގައި ލާމެހިފައިވާ މަސައްކަތެއް ކަމަށާއި، ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާއި، ދައުލަތުގެ ބޭންކިންގ ނިޒާމާއި، ވިޔަފާރިތަކާއި، މުޅި އިޤްތިޞާދީ ނިޒާމު އޭގައި ޝާމިލުވާ މަސައްކަތެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ސަބަބަށްޓަކައި، އެކައުންޓެންސީއާއި އޮޑިޓް ދާއިރާއިން ދިމާވާ މައްސަލަތައް، މި ދާއިރާގެ އެންމެހައި ފަރާތްތަކާ މަޝްވަރާކޮށްގެން، ޙައްލުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކައުންޓެންސީ ދާއިރާއާމެދު ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރު ދެމެހެއްޓުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ އެދިވަޑައިގެންފައި.