ޚަބަރު

ފިލިޕީންސުގެ ރައީސްގެ އަމާޒު ޤާނޫނުހަދާ މަޖިލީހުގެ ގޮނޑިއަކަށް


ފިލިޕީންސުގެ ރައީސް ރޮދުރިގޯ ދުތާތޭ އެ ޤައުމުގެ ޢާއްމު އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

2016ވަނަ އަހަރުގެ ތެރޭގައި ފިލިޕީންސްގެ ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގަތް ދުތާތޭ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ކުރިސްޓޮފަރ ބޮންގު ގޯގެ ރަނިންމޭޓުގެ ގޮތުގައި ވާދަކުރައްވާނެކަމަށް ކުރިންވަނީ ބެލެވިފައެވެ. އަންނަ މެއި މަހުގެ ތެރޭގައި ބާއްވައި ރިޔާސީ އިންތިޚާބުގައި ދުތާތޭގެ ދަރިކަނބަލުން ސާރާ ދުތާތޭ-ކާރްޕިޔޯ ވާދަކުރެއްވުމަށް ކުރިން ނިންމެވިއެވެ. އަދި އޭނާގެ ރަނިންމޭޓަކަށް ހަމަޖައްސަވާނެކަމަށް ކުރިން ބެލެވިފައިވަނީ ގޯއެވެ. ނަމަވެސް ގޯ ފަހުންވަނީ އަމިއްލަފުޅަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވައިފައެވެ. އެއާއެކު އޭނާގެ ރަނިންމޭޓަކަށް ސާރާ ވެވަޑައިގަންނަވާނެކަމަށްވަނީ ބެލެވިފައެވެ. ނަމަވެސް ފަހުން ދުތާތޭވަނީ އަމިއްލަފުޅު ދަރިކަނބަލުންނާ ދެކޮޅަށް ގޯގެ ރަނިންމޭޓުކަން ހޯއްދަވަން މަސައްކަތްކުރައްވައިފައެވެ.

ޢުމުރުން 75 އަހަރުގެ ދުތާތޭއަށް ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ. ނަމަވެސް އޭނާއަށް އެހެން މަޤާމުތަކަށް ކުރިމަތިލެއްވޭނެއެވެ. އެއާއެކު އޭނާވަނީ ޤާނޫނުހަދާ މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރެއްވުމަށް ނިންމަވައިފައެވެ.

ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ 9ވަނަ ދުވަހުއެވެ. އިންތިޚާބުގައި 64 މިލިޔަން މީހުން ވޯޓުލުމަށް ޝަރުތުހަމަވާނެއެވެ. ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގެ އިތުރުން އެ ޤައުމުގެ ޢާއްމު އިންތިޚާބާއި ސަރަޙައްދީ އިންތިޚާބުގެ ވޯޓުލުން ބާއްވާނެއެވެ. އެ އިންތިޚާބުތަކުގައި އެތައް ހާސް މީހުންނެއް ވާދަކުރާނެއެވެ. އޭގެ ތެރޭގައި ފިލްމުކުޅޭ މީހުންނާއި ވިޔަފާރިވެރިންނާއި ޤައިދީންވެސް ހިމެނޭނެއެވެ. އެ ގޮތުން ފިލިޕީންސްގެ ރިޔާސީ އިންތިޚާބުގައި މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ މެނީ ޕެކިޔާއޮވަނީ ވާދަކުރައްވަން ނިންމަވައި ލިޔެކިޔުންތައް ހުށަހަޅުއްވައިފައެވެ.