ކުޅިވަރު

ދެ މެޗުން ގިނަކަންކަން ދަސްވެއްޖެ، މަސަކަތް ހުއްޓާލަން ނުޖެހޭ: މޮރިއޭރޯ


މިހާރު ސްރީލަންކާގައި ކުރިޔަށްދާ ފޯނޭޝަންސްކަޕްގައި ރާއްޖެ ފައިނަލަށް ދިޔުމަށް ހަނި ފުރުސަތެއް އޮތް ނަމަވެސް ކުރަން ހުރި މަސައްކަތް ހުއްޓާލަން ނުޖެހޭކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

މުބާރާތުގައި ލީގު އުސޫލުން ކުޅޭ ފަހުމެޗުގައި ސީޝޭލްސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ކޮލަންބޯގައި ހުންނަ ހިލްޓަން ހޮޓަލުގައި މިއަދު މެންދުރު ނޫސްވެރިންނަށް މައުލޫމާތު ދެމުން ރާއްޖޭގެ ކޯޗު ބުނީ މުބާރާތުގެ ފުރަތަމަ ދެމެޗުން ރަނގަޅު ނަތީޖާއެއް ނުލިބުނު ނަމަވެސް އެ ދެމެޗުން ވަރަށް ގިނަކަންތައްތަކެއް ގައުމީޓީމަށް ދަސްވެއްޖެކަމަށެވެ.

މޮރިއޭރޯ ބުނީ މުބާރާތުގައި ރާއްޖޭގެ ނަތީޖާ ގޯސްވިކަމުގަވިޔަސް ކުރަމުން އަންނަ މަސައްކަތް ހުއްޓާލަން ނުޖެހޭކަމަށެވެ. މޮރިއޭރޯ ބުނީ ކޮންމެ މެޗަކަށް އެނާ ޓީމު ތައްޔާރުކުރަނީ ތަފާތު ވިސްނުމަކާއެކު ކަމަށެވެ. މުޅިޓީމު އެކީގައި ބުރަކޮށް މަސައްކަތް ކުރަމުންމިދަނީ ރަނގަޅު ނަތީޖާއެއް ހޯދަންކަމަށާއި އެކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ވަގުތުކަމަށެވެ. އެގޮތުން މުބާރާތަށް ތައްޔާރުވެގެން އައީ ދެހަފްތާގެ ޕްރެކްޓިހަކަށް ފަހު ކަމަށާއި އެއީ އެންމެ އެކަށީގެންވާވަރު ކަމަށް ގަބޫލްނުކުރޭވޭ ކަމަށް މޮރިއޭރޯބުންޏެވެ.

މުބާރާތް ކާމިޔާބުކުރެވޭވަރުގެ ގާބިލްކަން ގައުމީޓީމުގެ އެބަހުރިތޯ ޕީއެސްއެމް ސްޕޯޓްސްއިން ސުވާލުކުރުމުން ކޯޗުބުނީ މުބާރާތުގެ ފައިނަލަށް ވުރެބޮޑަށް މިހާރު ވިސްނުންހުރީ ކުރިޔަށް އޮތް މެޗު ކާމިޔާބުކުރުން ކަމަށާއި ހުރިހާ ވިސްނުމެއް މިހާރު ހުރީ މާދަމާގެ މެޗަށްކަމަށެވެ.

" އަހަންނަ އެނގޭ ކަމަކީ މި ޓީމު އެބަކުރިއަރާކަން. ތެދެއް ނަތީޖާއަށް ބަލާއިރު ވަރަށް ގޯސްކޮށް އަދި ފެންނަން އޮތީ އެކަމަކު އެވެސް ބަދަލު ކުރެވޭނެ އަހަންނަށް އަދި ވަގުތު ބޭނުންވޭ، ކޮންމެ މެޗަކަށްވެސް އަހަރެމެން މި ނުކުންނަނީ އާ ވިސްނުމަކާއެކު." މޮރިއޭރޯ ބުނިއެވެ.

މޮރިއޭރޯ ބުނީ ފިޒިކަލީގޮތުން ބަލާއިރު ސީޝޭލްސްގެ ޓީމަކީ ވަރުގަދަ ޓީމެއްކަމަށް ގަބޫލްކުރާ ކަމަށާއި އެޓީމުގައި ގިނައީ އަވަސްކުޅުމެއް ކުޅޭ ހަލުވި ކުޅެންތެރިންކަމަށެވެ. މުޅި ޓީމަށް ބަލާއިރު ސީޝޭލްސްއަކީ ވަރަށް އޯގަނައިޒް ފުޓްބޯޅައެއް ކުޅޭ ޓީމެއް ކަމަށް މޮރިއޭރޯ ބުންޏެވެ. ރާއްޖޭގެ ޓީމުން މާދަމާ ކުޅެން އަރާ ކުޅުންތެރިން އޭނާ ނިންމާނީ މެޗުގެ ފެށުމުގެ 20 މިނިޓު ކުރިންކަމަށް މޮރިއޭރޯ ބުންޏެވެ.

ރާއްޖޭން އެންމެ ފަހުން ސީޝެލްސްއާ ދެކޮޅަށް ކުޅުނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައެވެ. އެ ފަހަރު ރާއްޖެ ވަނީ 2-1 ލަނޑުން ސީޝެލްސް ބަލިކޮށްފައެވެ. ލީގު ބުރުގެ ފަހު ދެ މެޗު މާދަމާ ކުޅޭއިރު، ހަވީރު ކުޅޭނީ ސީޝެލްސް އާއި ރާއްޖެ މެޗެވެ. ދެ ވަނަ މެޗުގައި މާދަމާރޭ ލަންކާ ކުޅޭނީ ބަންގްލަދޭޝްއާއެވެ.

ބަންގްލަދޭޝާއި ސީޝެލްސް އަށް އެ މެޗުތައް އެއްވަރުކޮށްލައިގެން ވެސް ފައިނަލުގެ ޖާގަ ލިބޭނެއެވެ. ރާއްޖެ އާއި ލަންކާ އަށް ފައިނަލަށް ދެވޭނީ އެ މެޗުތަކުން މޮޅުވެގެންނެވެ. ހަތަރު ޓީމު ޕޮއިންޓް އެއްވަރުވެއްޖެ ހާލަތެއްގައި ބަލާނީ ލަނޑުގެ ތަފާތަށެވެ.