ޚަބަރު

12 އަހަރުން ދަށުގެ ކުދިންނަށް އޮސްޓުރޭލިޔާގައި ވެކްސިން ދެނީ


ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކޯވިޑް-19އަށް ވެކްސިން ދެމުންދާ ޤައުމުކަމަށްވާ އޮސްޓުރޭލިޔާގައި 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ޑޯސްތައް ހަމަކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

އަންނަ ޖަނަވަރީ މަހުގެ ތެރޭގައި އޮސްޓުރޭލިޔާގެ ކުޑަކުދިންނަށް ވެކްސިން ޖެހުމަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެ ޤައުމުގެ ޞިއްޙަތާބެހޭ ވަޒީރު ގުރެގު ހަންޓު ވިދާޅުވީ ކުޑަކުދިންނަށް ވެކްސިން ޖެހުމަށް ދިރާސާތަކެއް ކުރަމުންދާކަމަށެވެ. އެ ގޮތުން އޮސްޓުރޭލިޔާއިން މަސައްކަތްކުރަނީ ޢުމުރުން 5 އަހަރާއި 11 އަހަރުގެ ކުޑަކުދިންނަށް ވެކްސިން ޖެހުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ސެންޓަރސް ފޮރ ޑިސީސް ކޮންޓުރޯލް އެންޑު ޕުރިވެންޝަން، ސީޑީސީން އިލްތިމާޞްކޮށްފައިވަނީ ޢުމުރުން 5 އަހަރާއި 11 އަހަރުގެ ކުޑަކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށެވެ.

އޮސްޓުރޭލިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގެ ޢުމުރުން 16 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުން ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯސް ޖަހާފައިވާކަމަށެވެ. އަދި އެ ޢުމުރުފުރައިގެ އާބާދީގެ 83 އިންސައްތަވަނީ ވެކްސިންގެ ދެ ޑޯސް ޖަހައިފައެވެ. އޭގެ އިތުރުން ޢުމުރުން 12 އަހަރާއި 15 އަހަރުގެ އާބާދީގެ 57 އިންސައްތަ ކުދިންވަނީ ވެކްސިން ޖަހައިފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އޮސްޓުރޭލިޔާގައި 1،100 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިޖެހިގެން އިތުރު 5 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ޖުމުލަ 191،000 މީހުންނަށް ބަލިޖެހި 1،600 މީހުންވަނީ މަރުވެފައެވެ.