ކުޅިވަރު

ފީފާ ވާރލްޑް ކަޕަށް ބެލްޖިއަމްވެސް ކޮލިފައި


މިއަންނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ބެލްޖިއަމް ކޮލިފައިވެއްޖެއެވެ. މިމުބާރާތުން ބެލްޖިއަމް ޖާގަހޯދީ ޔޫރަޕް ސަރަހައްދުގެ ގްރޫޕް އީ ގައި ރޭ އެސްޓޯނިއާ އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

ބެލްޖިއަމްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 11 ވަނަ މިނެޓްގައި ޖަހައިދިނީ ބެލްޖިއަމްގެ ކްރިސްޓިއަން ބެންޓޭކޭއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހާދިނީ ޔަނިކް ކަރެސްކޯއެވެ. މިމެޗްގައި އެސްޓޯނިއާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހާދިނީ އެރިކް ސޯގާއެވެ. އަދި ބެލްޖިއަމްގެ ފަހު ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހާދިނީ ތޯގަން ހަޒާޑެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ބެލްޖިއަމަށް ލިބިފައިވެއެވެ.
މިކާމިޔާބީއާއެކު ބެލްޖިއަމް ވާރލްޑް ކަޕަށް ކޮލިފައިވީ ކުޅުނު ހަތް މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކުގައެވެ. އަދި ބާކީ އެއްމެޗް އޮތް އިރު ދެވަނައިގާ އުޅޭ ވޭލްސްއަށް ބެލްޖިއަމް އާއި އަރާ ހަމަ ކުރުމުގެ ފުރުސަތުވެސް ނެތުމުންނެވެ.

މިއަންނަ އަންގާރަ ދުވަހުގެ ރޭ ކުޅޭ ގްރޫޕްގެ ފަހު މެޗްގައި ބެލްޖިއަމް ނިކުންނާނީ ވޭލްސް އާއި ދެކޮޅަށެވެ. ވޭލްސްއަށްވެސް މިހާރުވަނީ މިދިޔަ އަހަރުގެ ނޭޝަންސް ލީގުގެ ގްރޫޕްގެ އެއްވަނަ ހޯދާފައިވާތީ ޕްލޭ އޮފްގެ ޖާގައެއް ކަށަވަރުވެފައެވެ.