ކުޅިވަރު

މިއީ ރާޒުވާކުޅިބައެއް، އަހަރެން މިހުރީވަރަށް އުފަލުން: ލެމޯސް


ފޯނޭޝަންސް ކަޕުގައި ރާއްޖެ އަތުން ހޯދި މޮޅާއެކު މުބާރާތުގައި ފައިނަލަށް ދިޔުމަށް ބަންގްލަދޭޝް އިން ނެގި މުހިންމު ފިޔަވަޅުގެ ސަބަބުން ވަރަށް ބޮޑު ހިތްހަމަޖުމެއް ލިބިއްޖެކަމަށް ބަންގަލަދޭޝްގެ ކޯޗު މާރިޔޯ ލަމޯސް ބުނެފިއެވެ.

އޭނާ ބުނީ އިއްޔެގެ މެޗުން ބަލިވެ ނުވަތަ އެއްވަރުވި ނަމަވެސް ފައިނަލުގެ ފުރުސަތު ނުގެއްލޭނެ ކަމަށާއި މިގޮތަށް ކުޅޭ މުބާރާތްތައް ސިފަވަނީ ރާޒުވާ ކުޅިބައެއްގެ ގޮތުގައި ކަމަށެވެ. މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ލެމޯސް ބުނީ މެޗުގައި ކުޅުންތެރިންނަށް ހާއްސަ އުފަލެއް ލިބިއްޖެކަމަށެވެ. މިފަދަ ގިނަ ކާމިޔާބީތަކަކަށް އުންމީދުކުރާކަމަށް ވެސް ބަންގަލަދޭޝްގެ ކޯޗު ވަނީ ބުނެފައެވެ. ކޯޗު ބުނީ އަދި މުބާރާތް ކާމިޔާބު ކުރުމުގެ ވާހަދައްކަން ބޭނުންނުވާކަމަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ވަނީ ހެދުނު އެންމެ ގޯހަކުން ކަން ބަންގްލަދޭޝްގެ ކޯޗު ވަނީ ފާހަގަކޮއްފައެވެ. މެޗުގެ ދެވަނަހާފުގައި އަބަދުމެ ކުޅުންތެރިން އޭނާ ހަނދާންކޮއްދެމުން ދިޔައީ ރާއްޖޭގެ ކުޅުންތެރިންދެކެ ބިރު ނުގަތުމަށްކަމަށެވެ. މެޗުގެ ކުރިން ކުޅުންތެރިންނަށް މާގިނަ ފުރުސަތުތަކެއް ނުލިބޭނެކަމަށާއި ލިބޭ މަދު ފުރުސަތުގެ ބޭނުންހިފަންޖެހޭ ކަމަށެވެ.

އެގޮތުން މެޗުގައި ލަނޑު ޖަހަން ބަންގަލަދޭޝް އަށް ލިބުނު ހަތަރު ފުރުސަތުކަމަށާއި އެގޭތެރެއިން ދެ ފުރުސަތު ބޭނުން ހިފީކަމަށް ލެމޯސް ބުންޏެވެ. އޭނާ ބުނީ ރާއްޖެއިން ބޯޅަ ހިފަހައްޓައިގެން ބަންގަލަދޭޝްއާ ދެކޮޅަށް ދެއްކީ ވަރަށް މޮޅު ކުޅެމެއް ކަމަށެވެ. އޭނާގެ ނަޒރުގައި މެޗުގެ އެންމެ މޮޅުކުޅުންތެރިޔަކީ ރާއްޖޭގެ ޓީމުގެ މެދުތެރެ ބަލަހައްޓަމުން ދިޔަ އައިސަމް ކަމަށް ބަންގަލަދޭޝްގެ ކޯޗު ބުންޏެވެ.

"މެޗުން ޚާއްސަކަންތައްތަކެއް ހާސިލް ކުރެވުނީމަ އަހަރެން ހަގީގަތުގައި ވެސް ވަރަށް އުފަލުން، އަހަރަމެން މިމޮޅާއެކު ކުރިޔަށް މިއެޅީ ވަރަށް މުހިންމު ފިޔަވަޅެއް، މިއީ ޖެހިލުމެއް ނެތި ރާއްޖެއާ ކުރިމަތިލުމުގެ ނަތީޖާ." ލެމޯސް ބުންޏެވެ.

މެޗުގައި ގެއްލޭ ބޯޅަތަކުގައި އަލުން ހޯދުމަށް ރާއްޖެއިން ކުރި މަސައްކަތް ލެމޯސް ވަނީ ތައުރީފްކޮށްފައެވެ. ބަންގަލަދޭޝްއިން މި ރޫހުގައި ކުޅެފިކަމަށްވާނަމަ މިފަދަ ކިތަންމެ ކާމިޔާބެއް ތަކުރާރު ކުރެވިދާނެކަމަށް ލެމޯސް ބުންޏެވެ. މުބާރާތުގައި ރާއްޖެއަތުން މޮޅުވެ މިހާލަތުގައި ފައިނަލުގެ އުންމީދު އާކުރުމަކީ ލިބުނު ފުރިހަމަ މޮޅެއް ގޮތަށް ބަންގަލަދޭޝްގެ ކޯޗު ވަނީ ފާހަގަކޮށްފައެވެ.

މި މޮޅާއެކު 18 އަހަރު ފަހުން އަވަށްޓެރި ބަންގަލަދޭޝް އިން މި ވަނީ ރާއްޖޭމައްޗަށް ފުރަތަމަ މޮޅު ހޯދާފައެވެ.