ޚަބަރު

ސޫދާނުގެ ވެރިކަންކުރާ ކައުންސިލް ބަލައިގަތުމަށް ހުޅަނގުން ދެކޮޅުހަދައިފި


ސޫދާނުގެ އަސްކަރިއްޔާއިން ބަޣާވާތްކުރުމަށްފަހު އެކުލަވާލި އެ ޤައުމުގެ ވެރިކަންކުރާ ކައުންސިލް ބަލައިގަތުމަށް އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ދެކޮޅުހަދައިފިއެވެ.

އެމެރިކާއާއި އިނގިރޭސިވިލާތާއި ނޯވޭއާއި ސުވިޓުޒަލޭންޑާއި ވިލާތުގެ އިއްތިޙާދުން ބުނީ ސޫދާނުގެ އަސްކަރިއްޔާގެ ނިންމުމަކީ އެ ޤައުމުގެ ދިމީޤްރާޠީ ނިޒާމަށް އެޅުނު ހުރަހެއްކަމަށެވެ. އަދި ސޫދާނުގެ ރައްޔިތުން ސިޔާސީ ޙަރަކާތްތައް ހިންގުމަށާއި ޚިޔާލު ފައުޅުކުރުމަށް ހުރަސްނޭޅުމަށްވެސް އެ ޤައުމުތަކުންވަނީ ސޫދާނުގެ އަސްކަރިއްޔާއަށް ގޮވާލައިފައެވެ. އެ ޤައުމުތަކުން އެ ގޮތަށް ގޮވާލާފައިވަނީ ސޫދާނުގެ އަސްކަރީވެރިކަމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިފައިވަނިކޮށެވެ.

ސޫދާނުގެ އަސްކަރިއްޔާއިން އެކުލަވާލި ވެރިކަންކުރާ ކައުންސިލުގެ އެންމެ އިސްވެރިޔާގެ ހުވައިކުރެއްވީ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ޢަބްދުލް ފައްތާޙް އަލްބުރުހާނެވެ. އޮކްޓޯބަރު މަހުގެ 25ވަނަ ދުވަހު އޭނާވަނީ ބަޣާވާތްކުރެއްވުމަށްފަހު ސޫދާނުގެ ސަރުކާރު އުވައިލައްވައި ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޙަމުދޫކުވަނީ ބަންދުކޮށްފައެވެ. ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކަންބޮޑުވުން ފައުޅުކޮށް ބަޣާވާތާ ދެކޮޅަށް ތެދުވުމުން ޙަމުދޫކުވަނީ މިނިވަންކޮށްފައެވެ. ބުރުހާނުގެ ނައިބަކަށް ހަމަޖައްސާފައިވަނީ ސޫދާނުގެ އަސްކަރީ ޚާއްޞަ ފައުޖުތަކުގެ އިސްވެރިޔާ މުޙައްމަދު ޙަމުދާނު ދަގަލޯއެވެ. ނަމަވެސް އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސޫދާނުގެ އަސްކަރިއްޔާގެ ނިންމުންތައް ޤަބޫލުނުކުރާކަމަށެވެ.

ސޫދާނުގެ އަސްކަރިއްޔާއިން ބަޣާވާތްކުރުމުން އެ ޤައުމުގެ ޢާއްމުންވަނީ މުޒާހަރާކުރަން ފަށައިފައެވެ، އެއާއެކު ސޫދާނުގެ އަސްކަރިއްޔާއިންވަނީ ޢާއްމުންނާ ދެކޮޅަށް ލާއިންސާނީ ޖަރިމާތައް ހިންގައިފައެވެ. އެ ގޮތުން ސޫދާނުގެ އަސްކަރިއްޔާގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން 14 މީހުން މަރުވެ، 300 މީހުން ޒަޚަމުވެފައިވާކަމަށް އެ ޤައުމުގެ މިނިވަން ޖަމުޢިއްޔާއެއްކަމަށްވާ ސެންޓުރަލް ކޮމިޓީ އޮފް ސޫދާނީސް ޑޮކްޓަރސުންވަނީ ބުނެފައެވެ.

މިދިޔަ ސެޕުޓެންބަރު މަހުގެ ތެރޭގައިވެސް ސޫދާނުގެ އަސްކަރިއްޔާއިންވަނީ ބަޣާވާތެއް ކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވުމުން އެ ޤައުމުގެ އަސްކަރިއްޔާއާއި ޢާއްމުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއްވަނީ ހިނގައިފައެވެ.

2019ވަނަ އަހަރުގެ ތެރޭގައި ސޫދާނުގައި ކުރި މުޒާހަރާތަކަށްފަހު އެ ޤައުމުގައި ދިގު ވެރިކަމެއް ކުރެއްވި ޢުމަރު އަލްބަޝީރު އިސްތިޢުފާދެއްވުމުން އެ ޤައުމުގެ އަސްކަރިއްޔާއާއި ޢާއްމުންގެ ބައިވެރިވުމާއެކުވަނީ ސަރުކާރެއް އެކުލަވާލައިފައެވެ. އަދި 2023ވަނަ އަހަރު ނިމުމުގެ ކުރިން އެ ޤައުމުގައި މިނިވަން އަދި އިންޞާފުވެރި އިންތިޚާބެއް ބޭއްވުމަށްވަނީ އެއްބަސްވެފައެވެ.