ޗައިނާގެ ބާރުގެ ދަށުން ތައިވާނު މިނިވަންވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން އެހީތެރިނުވުމަށް ޗައިނާއިން އިންޒާރު ދީފިއެވެ.
އެމެރިކާއިން ތައިވާނަށް އޮޅުވާލައި ނުފުއްދޭނެ ވަޢުދުތަކެއްވަމުންދާކަމަށް ބުނެ ޗައިނާގެ ޚާރިޖީ ވުޒާރާއިން ބަޔާނެއް ނެރެފައިވަނީ ޗައިނާއިން ތައިވާނާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފިނަމަ އެމެރިކާއާއި އެމެރިކާގެ ބައިވެރިން މަޑުން ނުތިބޭނެކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެން ވިދާޅުވުމުންނެވެ. ބުލިންކެން ވިދާޅުވީ ދުނިޔޭގައި ރޭވިފައިވާ ސިޔާސީ ނިޒާމާ ޚިލާފަށް އެއްވެސް ކަމެއް ކުރަން ޗައިނާއިން މަސައްކަތްކޮށްފިނަމަ އަމާންކަމާއި ޞުލްޙަ ޤާއިމުކުރުމަށް އެމެރިކާއާއި ސަރަޙައްދީ ބައިވެރިން ތައިވާނާއެކު މަސައްކަތްކުރާނެކަމަށެވެ. ނަމަވެސް ތައިވާނުގެ ޙައްޤުގައި ޗައިނާއާ ދެކޮޅަށް އެމެރިކާއިން އަޅާނެ ފިޔަވަޅެއް ބުލިންކެން ވިދާޅެއް ނުވެއެވެ.
ޕެސިފިކް ކަނޑުގައި އެމެރިކާގެ މުޙިއްމު ބައިވެރިއެއްކަމަށްވާ އޮސްޓުރޭލިޔާއިން ބުލިންކެންގެ ވާހަކަތަކާ ގުޅޭގޮތުން ބުނެފައިވަނީ ތައިވާނު ދިފާޢުކުރުމަށް އެމެރިކާއިން އަސްކަރީ ގޮތުން ޙަރަކާތްތެރިވާނަމަ އެފަދަ ކަމެއްގައި އެ ޤައުމުން ބައިވެރިނުވާނެކަމަށެވެ. އަދި ޗައިނާއިން ތައިވާނަށް ޙަމަލާދޭނެކަން އެއީ ކަށަވަރުކަމެއްކަމަށާއި ޗައިނާއާ ކުރިމަތިލާން ޖެހޭނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންކަމަށް އޮސްޓުރޭލިޔާގެ ދިފާޢީ ވަޒީރު ޕީޓަރ ޑަޓަން ވިދާޅުވިއެވެ.
ތައިވާނަށް ޙަމަލާދޭން ޗައިނާއިން ތައްޔާރުވެފައިވާކަމަށް ދެކެވޭ ވާހަކަތައް އެ ޤައުމުންވަނީ ދޮގުކޮށްފައެވެ. ނަމަވެސް ޗައިނާއިންވަނީ ކަނޑު ހުރަސްކޮށް ތައިވާނަށް ޙަމަލާދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ބުނެފައެވެ.
ތައިވާނުގެ މައްސަލަ ހޫނުވެފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންނާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވީޑިޔޯ މެދުވެރިކޮށް އަންނަ ހޯމަ ދުވަހު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނިކޮށެވެ.