ކުޅިވަރު

ފުރަތަމަ މެޗުގައި ފަރަވާކުޑަކޮށްލުވުނު، އެކަން ހަނދާން ނެތިއްޖެ: އަކުރަމް


މިހާރު ސްރީލަންކާގައި ކުރިޔަށްދާ ފޯނޭޝަންސް ކަޕުގައި ލަންކާ ދެކޮޅަށް ކުޅުނު މެޗުގައި އެއްވަރުވި ނަމަވެސް އެމެޗު ސިފަކުރަނީ ބަލިވެގެން ނިމުނު މެޗެއްގެ ގޮތުގައި ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ ބުނެފިއެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ބަންގަލަދޭޝްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން އަކުރަމް ބުނީ އެމެޗު ރާއްޖޭގެ ކުޅުންތެރިންނަށް ފަރުވާކުޑަކޮށްލެވުނު ކަމަށާއި އެކަން ހަނދާން ނަތާލައިގެން ކުރިޔަށްދެވޭނެކަމަށެވެ. ފުރަތަމަ މެޗު އަތުން ބީވެގެން ދިޔައީ އޭނާ ވެސް ހިމެނޭ ގޮތަށް ޓީމުގެ ހިމެނޭ ހުރިހާ ކުޅުންތެރިންގެ ފަރުވާކުޑަވެގެންކަމަށް އަކުރަމް ބުންޏެވެ.

ރާއްޖޭގެ ކުޅުންތެރިން ނަތީޖާ ބޭނުންނަމަ 90 މިނެޓުވަންދެން އެއްވާނެއްގައި މަސައްކަތް ކުރަންޖެހޭ ކަމަށް އަކުރަމް ބުންޏެވެ. އޭނާ ބުނީ މެޗެއް ނިމިގެންދާނީ ރެފްރީގެ ފަހު ކަށިގަނޑުގެ އަޑާއެކު ކަމަށް ކުޅުންތެރިން ވިސްނަންޖެހޭ ކަމަށެވެ. އަކުރަމް ބުނީ ވަރުބަލިވިޔަސް މެޗުތަކުގައި ކުޅުންތެރިންނަށް ދެއްކޭނެ މާބޮޑު ބަހަނާއެއް ނެތްކަމަށެވެ. އޭނާ ބުނީ މިމެޗަށް ނުކުންނައިރު އެއްގޮތަކަށްވެސް ނިމިދިޔަ ސާފްޗެމްޕިއަންޝިޕްގައި ބަންގަލަދޭޝް އަތުން ހޯދި ނަތީޖާމެދު ނުވިސްނާކަމަށެވެ.

ހަމަ އެގޮތަށް އެންމެފަހުން ލަންކާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާވެސް މިހާރު ކުޅުންތެރިން ހަނދާންނަތަލައިފިކަމަށް އަކުރަމް ބުންޏެވެ. ފުރަތަމަ މެޗު ދިޔަގޮތުން ކުޅުންތެރިންގެ އިތުބާރާމެދު ޕީއެސްއެމް ސްޕޯޓްސްއިން ސުވާލުކުރުމުން އަކުރަމް ބުނީ ކޯޗަށާއި ކުޅުންތެރިން އިތުބާރު އެބޮތް ކަމަށާއި އުންމީދަކީ މެޗުން މޮޅުވުން ކަމަށެވެ.

އެގޮތުން މޮޅުވާން ކުރަންޖެހޭ ހުރިހާ ކަމެއް ޓީމުން އާ ހިތްވަރަކާއެކު ކުރާނެކަމަށެވެ. އޭނާ ބުނީ ކުޅުންތެރިން 100 ޕަސެންޓް ދީގެން މެޗުގައި މޮޅުވާން މަސައްކަތް ކުރާނެކަމަށެވެ.

" އަޅުގަނޑުވެސް ހިމެނޭހެން ހުރިހާ ކުޅުންތެރިންގެ ފަރުވާކުޑަކަމުން އެ މެޗުގައި ލަންކާއިން އެއްވަރުކުރެވުނީ، އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެން ލަންކާ މެޗުގެ ނަތީޖާ ހަނދާން ނަތައިލައިފިން. 100 ޕަސެންޓު ދޭން ކުޅުންތެރިން ތިބީ ތައްޔާރުވެގެން." އަކުރަމް ބުނިއެވެ.

އަކުރަމް ބުނީ މެޗުގައި ހުރިހާވެސް އެއްޗަކީ ދަނޑުމަތީގައި ކުރާ މަސައްކަތްކަމަށާއި އެމަސައްކަތް މި މެޗުގައި ކުޅުންތެރިން ދައްކާނެކަމާމެދު އެއްވެސް ޝައްކެއްނެތްކަމަށެވެ. ލަންކާގެ މުބާރާތް ކުޅޭ ދަނޑާގުޅޭ ގޮތުން އަކުރަމް ބުނީ މިއީ ފުޓްބޯޅަ ކުޅެން އެންމެ އެކަށީގެންވާ ދަނޑެއް ނޫންކަމަށާއި ދަނޑު ހާލަތު ކޮންމެ ޓީމަކަށްވެސް އޮތީ ހަމަހަމަ ފުރުސަތެއްކަމަށް އަކުރަމް ބުންޏެވެ.