ހުޅުމާލެ 2ވަނަ ފިޔަވަހީގެ "ހިޔާ" ފްލެޓް ސަރަޙައްދުގައި ހުރި ކުނި ތަކެއްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްއިން ނިއްވާލައިފިއެވެ. އަލިފާން ރޯވެފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
އެ ކުނިތަކުގެ ތެރޭގައި ހުރީ ކަރުދާސް ފޮށިގަނޑުތަކާއި ބާ ފަރުނީޗަރުތަކާއި ގަލާއި ޕްލާސްޓިކާއި ފުޅިފަދަ ތަކެއްޗެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން އެ ސަރަޙައްދުގައި އެތަނަށް ދިއުމުގެ ކުރިން ހިޔާ ފްލެޓުގައި ދިރިއުޅޭ ބައެއް އާއްމުން އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.
ހިޔާ ފްލެޓް ސަރަހައްދުން ކުނި ނެގޭނެ ރަނގަޅު ނިޒާމެއް ނެތުމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އެކަމައް ހައްލެއް ގެނައުމުގެ ގޮތުން ވެމްކޯއިން ވަނީ އެ ސަރަޙައްދުގައި ކުނިވާ ޒާތުގެ ކުނި އެޅުމަށް ޑަސްބިންތަކެއް ބަހައްޓާފައެވެ. ނަމަވެސް ބައެއް މީހުން ފަރުނީޗަރުތަކާއި ބޮޑެތި ހުސް ފޮށިގަނޑު ފަދަ ތަކެތި އެ ސަރަޙައްދަށް ހުންނަނީ ޖަމާކޮށްފައެވެ.
އަނެއްކާވެސް އެ ސަރަޙައްދުގައި އަލިފާން ރޯވި އިރު މީގެ ކުރިންވެސް އެތަނުގައި ހުރި ކުނިތަކުގައި ވަނީ ރޯވެފައެވެ. ބެލެވޭ ގޮތުގައި މިއި ބަޔަކު ގަސްދުގައި ކުރަމުން އަންނަކަމަށެވެ.