ކުޅިވަރު

ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އެބައޮތް، ބަންގްލަދޭޝް އަތުން މޮޅުވާނެ: މޮރިއޭރޯ


މިހާރު ސްރީލަންކާގައި ކުރިޔަށްދާ ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝާ ދެކޮޅަށް ނުކުންނައިރު ރާއްޖެގެ ކުޅުންތެރިންނާ މެދު އިތުބާރު އެބައޮތްކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފެޑްރީސިއޯ މޮރިއޭރޯ ބުނެފިއެވެ.

މެޗުގެ ކުރިން ކޮލަންބޯގެ ހިލްޓަން ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަދައްކުމުން ގައުމީ ޓީމުގެ ކޯޗު ބުނީ ބަންގްލަދޭޝް އަތުން މޮޅުވޭވެނެ ކަމުގެ ޔަގީންކަން ބޮޑުކަމަށެވެ.

މޮރިއޭރޯ ބުނީ ޓީމުން ހޯދަންމުންދާ ކުރިއެރުން އޭނާއަށް ފެންނަ ކަމަށާއި ދުވަހަކުން ދުވަހެއް ޓީމުގެ ކުޅުން ރަނގަޅުކަމަށެވެ. ޓީމުގައ އަނިޔާގެ އެއްވެސް މައްސަލައެއް ނެތުމަކީ މިވަގުތު އޭނާއަށް ލިބޭ އެންމެ ބޮޑު ހިންހަމަޖެހުންކަން ކޯޗް ފާހަގަކުރިއެވެ. ބަންގްލަދޭޝް މެޗްއަށް ވަގުތު ކޮޅު ކުޑަނަމަވެސް މަޗަށް ތައްޔާރުވާން ލިބުނު ވަގުތަކީ އެންމެ އެކަށީގެންވާ މިންވަރުކަމަށް ކޯޗު ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮއްފައެވެ. މުބާރާތުގައި ކުރިއަށްދިއުމަށް ރާއްޖެއިން ބަންގްލަދޭޝް ޓީމް ބަލިކުރަންޖެހެއެވެ. އެއީ ފުރަތަމަ މެޗްގައި ލަންކާއާއި އެއްވަރުވުމާއި ގުޅިގެންނެވެ.

ބަންގްލަދޭޝް މެޗްއަށް ނިކުންނައިރު، ކުޅުންތެރިންގެ ފަރާތުން ފެންނީ އިތުރުހިއްވަރެއް ލައިގެން މޮޅުވާން ބޭނުންވެފަ ތިބި މަންޒަރުކަމަށް ދާދިފަހުން ގައުމީޓީމާ ހަވާލުވި ކޯޗު ބުނިއެވެ. އޭނާ ބުނީ މެޗަށް ނުކުންނާއި ބަންގަލަދޭޝްއަށް ޖެހޭ ފުރިހަމަ އިހުތިރާމް ދީގެންކަމަށާއި ނަމަވެސް ދަނޑުމަތީގައި މޮޅަށް ކުޅެ ބަންގްލަދޭޝް ބަލިކުރުމުގެ ރޫހުގައިކަމަށެވެ.

" މި ޓީމުން މިއަންނަނީ ދުވަހަކަށް ވުރެން ދުވަހެއް ކުރިއެރުން ހޯދަމުން، އަހަރެން މިހުރީ ވަރަށް އުފަލުން ތަމްރީންތަކުގައި ކުޅުންތެރިން ބުރަކޮށް މަސައްކަތް ކުރާތީވެ، އަހަރެންގެ ކުޅުންތެރިންނަށް އަހަރެން ފުރިހަމަޔަށް އިތުބާރު ކުރަން." މޮރިއޭރޯ ބުނިއެވެ.

މިމުބާރާތުގައި އެހެންޓީމުތަކަށް ވާގޮތް ބަލަން ބޭނުންނުވާކަމަށާއި ބޭނުންވަނީ ފުރިހަމަ ބާރާއެކު މުބާރާތުގައި ކުރިޔަށްދިޔުންކަމަށް ކޯޗު ފާހަގަކުރިއެވެ. އެކަން ހާސިލު ކުރުމަށް ބަންގްލަދޭޝް މެޗުގެ މުހިންމުކަން ކޯޗު ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކޮށްފައެވެ.

ރާއްޖޭގެ އަމާޒަކީ ކުރިޔަށް އޮތް ދެ މެޗުވެސް މޮޅަށްކުޅެ، މެޗް ކާމިޔާބުކުރުން ކަމަށް ކޯޗު ބުންޏެވެ. ފުޓްބޯޅައީ ވަރަށް ތަފާތު ކުޅިވަރެއްކަމަށާއި މޮޅަށް ކުޅެ ބަލިވާ ފަހަރުވެސް އަންނާނެކަމަށެވެ. ނަމަވެސް ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދުން ނޫން ގޮތެއް މިވަގުތު ރާއްޖެއަށް ނެތްކަމަށްވެސް މޮރިއޭރޯ ބުންޏެވެ.

" އަހަރެންގެ ކުޅުންތެރިން 100 ޕަސެންޓު ދޭނެ، އެވަރުގެ ފެންވަރު ކުޅުންތެރިންނަށް ނުދެއްކިޖެ ނަމަ ޒިންމާ ނަގާނީ އަހަރެން، އަހަރެން މިޑިޔާގެ ކުރިމަތީ ޒިންމާ ނަގާނީ އަހަންނޭ."

މުބާރާތުގައި ކުރިޔަށްދިއުމަށް ދެޓީމަށް ވެސް ފުރުސަތު ވަނީ ހުޅިވަފެއެވެ. ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުނުވާތާ 18 އަހަރު ވެފައިވާއިރު އެންމެފަހުން ބަންގްލަދޭޝް ރާއްޖެ ބަލިކޮށްފައިވަނީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައިއެވެ.

މިދިޔަ މަހު މާލޭގައި ބޭއްވި އުރީދޫ ސާޕް ޗެމްޕިއަންޝިޕްގައި ރާއްޖެއިންވަނީ 2 ލަނޑު 0 ލަނޑުން ބަންގްލަދޭޝް ބަލިކޮށްފައެވެ.