ޚަބަރު

ރަތް ކަނޑުގައި އެމެރިކާއާއި ޔަހޫދީންނާއި ޢަރަބިން ގުޅިގެން ފަރިތަކުރުންތަކެއް ފަށައިފި


ރަތް ކަނޑުގައި އެމެރިކާއާއި އިސްރާއީލާއި ޔޫއޭއީއާއި ބަޙްރައިނުން ގުޅިގެން އަސްކަރީ ތަމުރީނުތަކެއް ފަށައިފިއެވެ.

އެމެރިކާއާއި ޔަހޫދީންނާ ގުޅިގެން ޔޫއޭއީއާއި ބަޙްރައިނުން ފަސް ދުވަހުގެ އަސްކަރީ ތަމުރީނުތަކެއް ފަށައިފައިވަނީ އެ ދެ ޤައުމުން އިސްރާއީލާއެކު ގުޅުންބަދަހިކޮށްފައިވަނިކޮށެވެ. އެމެރިކާގެ ކަނޑުގެ ސިފައިން ބުނެފައިވަނީ އަސްކަރީ ތަމުރީނުތަކުގެ ބޭނުމަކީ ރަޙްމަތްތެރި ޤައުމުތަކާއެކު ގުޅުންބަދަހިކޮށް އެ ޤައުމުތަކުގެ ސަލާމަތާއި ހަމަޖެހުން ކަށަވަރުކުރުންކަމަށެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އެމެރިކާއާއި ޔަހޫދީންނާއި ޢަރަބިން ގުޅިގެން އަސްކަރީ ތަމުރީނުތަކެއް ފެށުމުން މެދުއިރުމަތީގެ ސިޔާސަތުތަކަށް އައިސްފައިވާ ބަދަލުތައް ފެންނަމުންދާކަމަށެވެ. އެ ޤައުމުތަކުން މީގެ ކުރިންވަނީ ހަތުރުވެރި އީރާނާ ދެކޮޅަށް ޙަރަކާތްތެރިވުމަށް ނުރަސްމީކޮށް ގުޅިގެން މަސައްކަތްކޮށްފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އިސްރާއީލުންވަނީ އެ ޤައުމުން މިހާތަނަށް ބޭއްވި އެންމެ ބޮޑު ވައިގެ ސިފައިންގެ އަސްކަރީ ތަމުރީނުތަކެއް ފުރިހަމަކޮށްފައެވެ. އެ ތަމުރީނުތަކުގައި ފަރަންސޭސިވިލާތާއި ޖަރުމަންވިލާތުގެ އިތުރުން އެމެރިކާއާއި ޔޫއޭއީންވެސްވަނީ ބައިވެރިވެފައެވެ. ނަމަވެސް އެ ތަމުރީނުތަކުގައި ޔޫއޭއީގެ ވައިގެ އުޅަނދުތައް ބައިވެރިވެފައެއް ނުވެއެވެ.