ޚަބަރު

މުޒާހަރާތައް ހުއްޓުވުމަށް ކޮލޮންބޯގައި ފިޔަވަޅުތަކެއް އަޅަަނީ


ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ސުރީ ލަންކާގެ ސަރުކާރުން ވަރުގަދަކޮށްފިއެވެ.

ސުރީ ލަންކާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ވެރިރަށް ކޮލޮންބޯގައި ވަރުގަދަ މުޒާހަރާތަކެއް ކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އެ ގޮތުން ސުރީ ލަންކާގެ ކަމައިބެހޭ ވުޒާރާތަކަށް އެ ޤައުމުގެ ސަރުކާރުން ޢަމުރުކޮށްފައިވަނީ ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް އެއްފަހަރައި އެއްވެ އުޅެވޭނެ މީހުންގެ ޢަދަދު ކަނޑައަޅައި އިޢުލާންކުރުމަށެވެ.

ސުރީ ލަންކާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީކަމަށްވާ ޔުނައިޓަޑު ޕީޕަލްސް ފުރަންޓުންވަނީ އަންނަ އަންގާރަ ދުވަހު ކޮލޮންބޯގައި ބޮޑު މުޒާހަރާކުރުމަށް ރާއްވައިފައެވެ. ބެލެވޭ ގޮތުގައި އެ މުޒާހަރާގައި 10،000އަށްވުރެ ގިނަ މީހުން ބައިވެރިވާނެއެވެ. އަދި އެއީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ސުރީ ލަންކާގެ ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގަތް ގޮތަބަޔަ ރާޖަޕަކްސަގެ ސަރުކާރާ ދެކޮޅަށް ކުރަން ނިންމާފައިވާ އެންމެ ބޮޑު މުޒާހަރާވެސްމެއެވެ.

ސުރީ ލަންކާގެ ޞިއްޙީ ޚިދުމަތްތަކާބެހޭ އެންމެ އިސްވެރިޔާ އަސޭލާ ހިރަތު ވިދާޅުވެފައިވަނީ ކޮލޮންބޯގައި އަޅަން ނިންމައިފައިވަނީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކެއްކަމަށެވެ. އަދި އެ ފިޔަވަޅުތަކާ މުޒާހަރާއާ އެއްވެސް ގުޅުމެއް ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި ދުވަސްތަކުގައި ސުރީ ލަންކާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެ ގޮތުން މިދިޔަ ސެޕުޓެންބަރު މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 4،000 މީހުންނަށް ކޯވިޑް-19 ޖެހުނު ނަމަވެސް އެ ޢަދަދު މިހާރުވަނީ 600އަށް ދަށްވެފައެވެ. އަދި މިދިޔަ ސެޕުޓެންބަރު މަހުގެ ތެރޭގައި ބަލިޖެހިގެން ދުވާލެއްގެ މައްޗަށް 200 މީހުން މަރުވި ނަމަވެސް އެ ޢަދަދު މިހާރުވަނީ 20އަށް ދަށްވެފައެވެ.