ޚަބަރު

ރައީސް ނަޝީދުގެ ވަކީލާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާގެ ޖިނާޢީ ތަހުޤީގު ކުރިއަށްދާގޮތް ބެއްލެވުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އައްޔަންކުރައްވައިފާ ވަކީލު ކަރސްޓީ ބްރިމްލޯއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބައްދަލުކުރައްވައިފިއެވެ.

މުލީއާގޭގައި ބޭއްވި ބައްދަލުކުރެއްވުމަށްފަހު ކަރސްޓީ ބްރިމްލޯ ކުރި ޓުވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާއެކު މަޝްވަރާކުރެއްވީ ދިވެހިންނާއި ރައީސް ނަޝީދުއާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކާއި ގުޅޭގޮތުންކަމަށެވެ. އަދި 6 މެއިގައި ނަޝީދު އަވަހާރަކޮށްލަށް ދިން ހަމަލާއާ ގުޅޭ ގޮތުންވެސް މަޝްވަރާކުރެއްވިކަމަށް ވަކީލު ކަރސްޓީ ބްރިމްލޯ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާގެ ޖިނާޢީ ތަހުޤީގު ކުރިއަށްދާގޮތް ބެއްލެވުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އައްޔަންކުރެއްވި އިނގިރޭސިވިލާތުގެ ވަކީލު ރާއްޖެއަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޭނާ ވަނީ، މަޖިލީހުގެ ނާއިބު ރައީސް ޢިވާ އަބްދުﷲއާއި އެމްޑީޕީން އުފައްދާފައިވާ މެއި 6 ކޮމިޓީގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފާއިވެސް ވަނީ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

އިންޓަރނޭޝަނަލް ހިއުމަންރައިޓްސް ލޯގެ ތަޖުރިބާކާރެއްކަމުގައިވާ ކަރސްޓީ ބްރިމްލޯ ރައީސް ނަޝީދުގެ ވަކީލެއްގެ ހައިސައްޔަތުން މަސައްކަތްކުރައްވަނީ މިމައްސަލައިގެ ތަހުގީގު ހިނގަމުން އަންނަ ގޮތް ބަލައި ރާއްޖެއާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޤާވާއިދުތަކާއި އެއްގޮތަށް މައްސަލައިގެ ތަޙުޤީގު ގެންދަން އެހީތެރިވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަަމަލާގެ ތަހުޤީޤުގައި ދެން އަމާޒުކުރާނީ މިކަމަށް ފައިސާ ހަރަދުކޮށްފައިވާ ގޮތް ބެލުމަށްކަމަށް، ޙަމަލާގެ ތަޙުޤީޤު ކުރިއަށްދާގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ޚާއްސަ މަންދޫބު، އައްބާސް ފާއިޒްވެސް ވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލައިގެ ބައެއް ތަހުޤީޤްތައް ނިންމުމަށްފަހު، ބައެއް މީހުންނަށް ދައުވާކުރުމަށް މިހާރު ވަނީ ކޯޓަށްވެސް ހުށަހަޅައި، ޝަރީޢަތްވެސް ފަށާފައެވެ.