ޚަބަރު

ހިޔާ މައްސަލައިގެ ތުހުމަތުގައި އޮފިސަރުންނަށް ދަޢުވާކުރަން ފޮނުވުމުން ފުލުހުންގެ ކަންބޮޑުވުން


ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 13 ފުލުހެއްގެ މައްޗަށް ދައުވާކުރުމަށް ނިންމާފައިވާ ނިންމުމާއިމެދު ފުލުހުންގެ ޚިދުމަތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 13 ފުލުހެއްގެ މައްޗަށް ދައުވާކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ނެރުނު ނޫސް ބަޔާނެއްގައި ފުލުހުން ވިދާޅުވީ، ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 12 އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން 2017 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ސާރވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގުޅިގެން ކ.ތުލުސްދޫގައި ހިންގި ކޭމްޕްގައި ކުޑަކުދިންގެ ހައްޤަކާއި ކަރާމާތަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ހިނގާފައިވާކަމުގެ ރިޕޯޓެއް، ދަޢުލަތުގެ އެއްވެސް މުއައްސަސާއަކުން މީގެ ކުރިން ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ނުވާކަކަމަށެވެ.

ފުލުހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދަޢުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ބޭއްވި ބައްދަލުވުމެއްގައި ނިންމައި، ހިޔާގައި ތިބި ކުދިންގެ މަސްލަހަތުގައި ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ އެ ކޭމްޕަކީ އެކުދިންނަށް ބޭނުންތެރި، ކޭމްޕްގެ ފައިދާ މިހާރުވެސް އެކުދިންނަށް ކުރަމުންދާ ކޭމްޕެއްކަމަށެވެ.

އަދި އެދަތުރުގައި ބައިވެރިވި ބައެއް ކުދިން ނުކިޔަމަންތެރިކަން ދެއްކުމުން އެކުދިން ކޮންޓްރޯލްކުރުމަށާއި އެކުދިންނާއި އެހެނިހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ޢަމަލުކޮށްފައިވަނީ ފުލުހުންގެ ޤާނޫނާއި ޤަވައިދުތަކުގެ ތެރެއިންކަން، މިހާތަނަށް އެ ޚިދުމަތަށް ލިބިފައިވާ މައުލޫމާތުން ގަބޫލު ކުރެވޭކަމަށެވެ.

އެހެންކަމުން އެ ދަތުރުގައި ބައިވެރިވި ފުލުހުންގެ މައްޗަށް އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން ދައުވާ ކުރަން ނިންމާފައިވާ ނިންމުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަންބޮޑުވާ ކަމެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މި މައްސަލައާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ތަހުގީގުން ހޯދިފައިވާ ހޯދުންތަކާއި، މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތް ހިއްސާކޮށްދިނުމަށް އެ ކޮމިޝަންގައި އެދިފައިވާކަމަށްވެސް ފުލުހުންގެ ނޫސް ބަޔާނުގައި ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުގެ ފަރާތުން ރާއްޖޭގެ އެކިރަށްރަށުގައި އެ އުމުރުފުރައިގެ ކުދިންނަށް ހިންގަމުންދާ ރެޑީ ކޭޟްޕާއި ބްލޫޒް ފޮރ ޔޫތު ކޭމްޕްގައި ހިމެނޭ ހަރަކާތްތައް ހިމަނައިގެން، ހިޔާގެ ކުދިންނަށް ޚާއްސަކޮށް ފަރުމާކޮށްގެން ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި މަޝްވަރާކޮށް އެއްބަސްވެވުނު ގޮތަށް ހިންގާފައިވާ އެކޭމްޕަށް އެކުދިން ގޮވައިގެން ތުލުސްދޫއަށް ދަތުރު ކުރި ފެރީގަ އާއި ކޭމްޕުގައި ފުލުހުންގެ ފަރާތުން އެކުދިންނަށް އަނިޔާވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން ތަހުގީގުކޮށް 8 ފުލުހެއްގެ މައްޗަށް ޖިނާއީ ދަޢުވާކުރުމަށް ފޮނުވާފައި އެ މައުލޫމާތު މިދިޔަ މަހުގެ 5ވަނަ ދުވަހު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތާވަނީ ހިއްސާކޮށްފައިވެއެވެ.

އަދި ފުލުހުން، އެދަތުރުގައި ބައިވެރިވި ކުދިން ކޮންޓްރޯލްކުރުމުގެ ގޮތުން ބިޑިއަޅުވާފައިވުމާއި، ބާރަށް ހަޅޭއްލަވާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، ރަހުމުކުޑަ ލާއިންސާނީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ 13ފުލުހެއްގެ މައްޗަށް ކޮށްފައިވާކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދުވަނީ ހާމަކޮށްފައެވެ.

އަދި މިމައްސަލައާ ގުޅިގައިވާ 03 ފުލުހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަންގާފައިވާއިރު، މިމައްސަލައިގައި ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއާއި، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ)ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރަށް ދައުވާ ކުރަން ފޮނުވި ނަމަވެސް މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނުލިބުމުން މިދެބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފައި ނުވެއެވެ.