އަންނަ އޭޕުރިލް މަހުގެ ނިޔަލަށް ނޭޕާލުގެ 18 އަހަރުން މަތީގެ އެންމެންނަށް ކޯވިޑް-19ގެ ވެކްސިން ޖަހެމުގެ އިންތިޒާމުތައް ހަމަޖައްސައިފިއެވެ.
ނޭޕާލުގެ ޞިއްޙަތާބެހޭ ވަޒީރު ބިރޯދު ކަޓިވަޑަ ވިދާޅުވީ އެ ޤައުމުގެ 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖެހުމަށް ބޭނުންވާ ޑޯސްތައް ހޯދުމުގެ މަސައްކަތް ފަށައިފައިވާކަމަށާއި އެ ޤައުމުގެ ފަރަބަދަމަތީ އެކަހެރި ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށްވެސް ވެކްސިން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް އެ ވުޒާރާއިން ހަމަޖައްސާނެކަމަށެވެ. މިދިޔަ މަހުގެ ތެރޭގައި ޞިއްޙަތާބެހޭ ވުޒާރާއާ ޙަވާލުވެވަޑައިގަތް ކަޓިވަޑަ ވިދާޅުވީ ނޭޕާލުގެ ސަރުކާރުން ކަނޑައަޅާފައިވާ ޢަމާޒަށް ވާޞިލުވެވޭނެކަމުގެ ޔަޤީންކަން އޮތްކަމަށާއި އިތުރު ޞިއްޙީ ޚިދުމަތްތެރިން ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.
ނޭޕާލުގައި ކޯވިޑް-19ގެ ވެކްސިން ދޭން ފަށައިފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ. ނަމަވެސް ނޭޕާލަށް އެންމެ ގިނައިން ވެކްސިން ފޯރުކޮށްދޭ އިންޑިޔާއިން ވެކްސިން ބޭރުކުރުން މަޑުޖައްސާލުމުން އެ ޤައުމުގައި ވެކްސިން ދިނުމަށް ކުރަމުންދިޔަ މަސައްކަތަށް ހުރަސްއެޅުނެވެ. އެއާއެކު ޗައިނާއިންވަނީ ވެކްސިންގެ 6 މިލިޔަން ޑޯސް ނޭޕާލަށް ވިއްކައިފައެވެ. އަދި އދ މެދުވެރިކޮށް އެމެރިކާއިންވެސްވަނީ ގިނަ ޢަދަދެއްގެ ވެކްސިން ނޭޕާލަށް ފޯރުކޮށްދީފައެވެ.
30 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ނޭޕާލުގެ 72 އިންސައްތައަކީ 18 އަހަރުން މަތީގެ މީހުންނެވެ. އެ ޤައުމުގައި 44 އިންސައްތަ މީހުންވަނީ ވެކްސިން އެއް ޑޯސް ޖަހައިފައެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިވަނީ 37 އިންސައްތަ މީހުންނެވެ.