ކުޅިވަރު

ލަންކާއަށް ވުރެ ރާއްޖެ މޮޅު، އެކަން ގަބޫލުކުރަން: އަލަގިޗް


ސްރީލަންކާގައި މިހާރު ކުރިޔަށްދާ ފޯނޭޝަންސް ކަޕްގައި ލަންކާއަށް ވުރެ ރާއްޖެ އެތައް ގޮތަކުން މޮޅުކަން ޤަބޫލު ކުރާ ކަމަށް ލަންކާގެ ކޯޗު އާމިރް އަލަގިޗް ބުނެފިއެވެ.

ފުރަތަމަ މެޗަށްފަހު ވާހަކަދައްކަމުން އޭނާ ބުނީ ލަންކާގެ ކުޅުން ރަނގަޅު ނަމަވެސް ކުޅުންތެރިންގެ ފެންވަރާ ހުރިހާ ކަމަކަށް ބަލާއިރު ރާއްޖެ އޮތީ މާކުރީގައިކަމަށެވެ. ލަންކާއިން ފަހަތުން އަރައި ހަތަރު ލަނޑުޖަހައި އެއްވަރުކުރުމުގައި ނަސީބު ވަރަށް ބޮޑުބައި އެހީވިކަމަށް ވެސް އަލަގިޗް ބުނިއެވެ. އަލަގިޗް ބުނީ މިއީ އޭނާ އެއްގޮތަކަށްވެސް އުންމީދުކުރި ވަރުގެ ނަތީޖާއެއް ނޫންކަމަށެވެ.

ލަންކާގެ ކޯޗު ބުނީ މެޗުގައި އޭނާ ވިސްނި އެންމެ މުހިންމު އެއްކަމަކީ ރާއްޖެ ޓީމުގައި ދުވަސްވީ ކުޅުންތެރިން ގިނަވުމުން އެކުޅުންތެރިން ވަރުބަލިވާނެ ވަގުތު ބަލާ ދަނޑިވަޅުގެ ބޭނުންކުރުމަށް ކަމެށެވެ.

" ހަގީގަތުގައި މިއީ އަހަރެން އުންމީދުކުރި ނަތީޖާއެއް ނޫން، އެންމެންނަށް އެބަ އެނގޭ އަހަރެމެންގެ ފެންވަރު، ރާއްޖޭ ހުރިހާ ގޮތަކުންވެސް މޮޅު، ނަތީޖާގައި އަހަރަމެންނަށް ނަސީބުވެސް އެހީވީ." ބޮސްނިޔާއަށް އުފަން އަލަގިޗް ބުނިއެވެ.

ސްރީލަންކާގެ ފުޓްބޯޅަ ފެޑަރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުވެސް ފުރަމުންދާ އަލަގިޗް ބުނީ ލަންކާއަށް ނަސީބު އެހީވީ ކުޅުންތެރިން ފިޒިކަލީ ވަރުގަދަވުމުން ކަމަށެވެ. އެއީ މުބާރާތުގައި ލަންކާއިން ބޭނުންކުރާނެ ވަރަށް މުހިންމު ހަތިޔާރަކަށް ވެގެންދާނެކަމަށް އޭނާ ބުންޏެވެ. އަލަގިޗް ބުނީ އޭނާއަކީ އަބަދުވެސް ފޮރުވުމެއް ނެތި ހަގީގަތް ހާމަކުރާ މީހެއް ކަމަށާއި ލަންކާގެ ފުޓްބޯޅަ ކުރިއަރުވަން އެގައުމުގެ ފެޑަރޭޝަނުން ކުރަމުންދާ މަސައްކަތާ މެދު ހިތްހަމަނުޖެހޭކަމަށެވެ.

ވަޅު ޖެހިފައި އޮތް ލަންކާގެ ފުޓްބޯޅައަށް ދިރުން އައި ނަމަވެސް ކުރިމަތިވި މައްސަލަތަކަށް އަދިވެސް ހައްލެއް ނާންނަ ކަމަށް އަލަގިޗް ބުންޏެވެ. ފާއިތުވެގެންދިޔައި ދެ މަސްދުވަހު ކުޅުނު މެޗުތަކުން ލަންކާއިން ޕޮއިންޓެއް ހޯދުނީ ސަރަހައްދީ ގަދަ ދެބާރުކަމަށްވާ ރާއްޖެ އާއި އިންޑިޔާ އަތުން އެކަންޏެވެ.