ކުޅިވަރު

ދެވަނަހާފުގައި ތަފާތު ދައްކައިގެން އަހަރެމެން އެއްވަރުކުރީ: ބޯތު


ސްރީލަންކާގައި މިހާރު ކުރިޔަށްދާ ފޯ ނޭޝަންސް ކަޕުގައި ބަންގަލަދޭޝް އަތުން ޕޮއިންޓެއް ހޯދުނީ މެޗުގެ ދެވަނަހާފުގައި ދެއްކި ކުޅުމުގެ ސަބަބުން ކަމަށް ސީޝޭލްސްގެ ގައުމީޓމުގެ ކޯޗު ވިވިއަން ބޯތު ބުނެފިއެވެ.

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަދައްކަމުން ބޯތު ބުނީ މެޗުގެ ކުރިން ވެސް ބަންގްލަދޭޝް ފިޓަނަސް މައްސަލަތައް ފާހަގަކޮށް އެދަނޑިވަޅަށް ތައްޔާރުވިކަމަށެވެ. ފުރަތަމަ ހާފަށްވުރެ ބޮޑަށް ބަންގްލަދޭޝް ދެވަނަހާފްގައި ފެނުނީ ވަރުބަލިކޮށް ކަމަށާއި އޭގެ ފައިދާ ސީޝޭލްސްއަށް ނެގުނު ކަމަށް ކޯޗު ބުންޏެވެ.

ބޯތު ބުނީ ރާއްޖޭގެ ފެންވަރު ވެސް އެނގޭ ކަމަށާއި މި މުބާރާތުގައި ވާދަކުރާ ފިޒިކަލީ އެންމެ ދަށްދެޓީމަކީ ރާއްޖެއާއި ބަންގްލަދޭޝްކަމަށެވެ. ބޯތު ބުނީ މެޗަށް ނުކުތީ ބަންގްލަދޭޝް އަތުން މޮޅުވާން ކަމަށާއި އެހެންނަމވެސް ލިބުނު ޕޮއިންޓާ މެދު ހިތްހަމަޖެހޭކަމަށެވެ. އޭނާ ބުނީ މެޗުގައި ސީޝޭލްސްއަށް ތިން ލަނޑުޖެހޭ ވަރަށް ފުރުސަތު ލިބުނު ކަމަށާއި ފުރަތަމަ ހާފްގައި ކައުންޓަ އެޓޭކް ގޭމެއް ކުޅެ ފަހުން ކުރިޔަށް ކުޅުންތެރިން އިތުރުކޮށްލީވެސް ލަނޑުޖެހުމުގެ ބޭނުމުގަކަމަށެވެ.

" އަހަންނަށް އެގުނު ދެވަނަހާފުގައި އަހަރަމެންނަށް ފުރުސަތު ލިބޭނެކަން، އެ ފުރުސަތު އަހަރަމެން ހޯދީ، ނިންމާލެވުނުނަމަ އިތުރު ލަނޑުތަކެއް އަހަރުމެންނަށް ޖެހޭނެ." ބޯތު ބުނިއެވެ.

ސީޝެލްސް ޤައުމީ ޓީމުގެ ކުރި ފުރަތަމަ ތަޖުރިބާއަށް ފަހު ކޯޗު ބުނީ މުބާރާތުގައި އޭނާ ބޭނުންވަނީ ޓީމުގައި ތިބި ޒުވާންގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދިނުމަށްކަމަށެވެ. މުބާރާތުގައި ކުރިޔަށް އޮތް ލަންކާ މެޗާ ގުޅޭގޮތުން ބޯތު ބުނީ ލަންކާ އޮތީ ވަރަށް ރަނގަޅު ހާލަތެއްގެ ކަމަށާއި ރާއްޖެއާ ދެކޮޅަށް ދެއްކި ހިތްވަރަކީ އޭގެ މިސާލެއްކަމަށެވެ. އަދި މުބާރާތުގައި އޭނާގެ ނަޒަރުގައި ވަކި ފޭވަރިޓް ޓީމެއް ނެތްކަމަށާއި ދަނޑުގެ ހާތަލަތަށް ބަލާއިރު ޓީމުތަކުގައި ފެންވަރު އުޅެނީ އެކިވަރަށް ކަމަށެވެ.

ރާއްޖެއާ ބަންގްލަދޭޝް މުބާރާތުގައި އަދި ފާހަގަވީ ދާދި އެއްގޮތަކަށް ކުޅޭ ދެޓީމެއްގެ ގޮތުގެ ކަމަށާއި ދެޓީމަކީވެސް ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރާ ދެޓީމު ކަމަށް ސީޝޭލްސްގެ ކޯޗު ބުންޏެވެ. ބަންގްލަދޭޝްގެ ކޯޗެކޭ އެއްފަދައިން ސީލްޝޭލްސް ކޯޗަށްވެސް އިއްޔެގެ މެޗަކީ ޤައުމީޓީމާ ހަވާލުވެ ކުޅުނު ފުރަތަމަމެޗެވެ.