އދގެ 70އަށްވުރެ މުވައްޒަފުން އިތިއޯޕިޔާގެ ސަރުކާރުން ޙައްޔަރުކޮށްފިއެވެ.
އދން ބުނެފައިވަނީ އިތިއޯޕިޔާގެ ސަރުކާރުން ޙައްޔަރުކޮށްފައިވަނީ 70އަށްވުރެ ގިނަ ޑުރައިވަރުންކަމަށެވެ. ނަމަވެސް އެ މީހުން ނިޞްބަތްވާ ޤައުމުތަކެއް އދން ބުނެފައެއް ނުވެއެވެ. އިތިއޯޕިޔާގެ ސަރުކާރުން އެ ކަމައި ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނި ނަމަވެސް އެ ޤައުމުގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނުންވަނީ ވެރިރަށް އަދިސް އަބާދާގައި ގިނަ ޢަދަދެއްގެ ބަޔަކު ޙައްޔަރުކޮށްފައިވާކަމަށް ބުނެފައެވެ. އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި ޙައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ޓިގުރޭ ދަރިކޮޅަށް ނިޞްބަތްވާ މީހުންކަމަށެވެ. ޙައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި އަންހެންނުންނާއި ކުޑަކުދިންވެސް ހިމެނޭކަމަށްވެއެވެ.
އދން ބުނެފައިވަނީ އިތިއޯޕިޔާގެ ސަރުކާރާ ވާހަކަދައްކައިގެން ޙައްޔަރުގައި ތިބި މުވައްޒަފުން މިނިވަންކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެ މީހުން ނިޞްބަތްވައި ޤައުމެއް މުޙިއްމުވެގެން ނުވާނެކަމަށާއި އެ މީހުންނަކީ އދގެ މުވައްޒަފުންކަން އިތިއޯޕިޔާގެ ސަރުކާރުން ޤަބޫލުކުރަން ޖެހޭކަމަށް އދންވަނީ ބުނެފައެވެ.
ފާއިތުވި އަހަރުގެ ތެރޭގައި އިތިއޯޕިޔާގެ ޙާލަތު ގޯސްވެފައިވަނީ އެ ޤައުމުގެ އުތުރުގައި ދިރިއުޅޭ ޓިގުރޭ ދަރިކޮޅުގެ މީހުންނާ ޖެހުނު މައްސަލަތަކަކާ ގުޅިގެންނެވެ. އެ ގޮތުން އިތިއޯޕިޔާއާ ވަކިވެގަތުމަށް މަސައްކަތްކުރާ ޓިގްރައި ޕީޕަލްސް ލިބަރޭޝަން ފުރަންޓު، ޓީޕީއެލްއެފުގެ ފައުޖުތަކާއި އިތިއޮޕިޔާގެ ސިފައިންނާ ދެމެދު ބަދަލުކުރި ޙަމަލާތަކުގައި 2.5 މިލިޔަން މީހުންގެ ގެދޮރު ގެއްލި 7 މިލިޔަން މީހުން ޙާލުގައި ޖެހިފައިވާކަމަށެވެ.
އަދިސް އަބާދާގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ޓިގުރޭ ދަރިކޮޅުގެ މީހުން ޙައްޔަރުކޮށްފައިވަނީ ޓީޕީއެލްއެފުގެ ފައުޖުތައް ދެކުނު ސަރަޙައްދުތަކަށް އެތެރެވެ ވެރިރަށައި ދިމާލަށް ދަތުރުކުރާނެކަމުގެ އިންޒާރު ދީފައިވަނިކޮށެވެ. އިތިއޮޕިޔާގެ ޙާލަތު ގޯސްވުމުން އެ ޤައުމުގެ ސަރުކާރުންވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައެވެ. އެއާއެކު ކޯޓު ޢަމުރަކައި ނުލައި މީހުން ޙައްޔަރުކުރުމުގެ ބާރު އިތިއޮޕިޔާގެ ސަރުކާރަށްވަނީ ލިބިފައެވެ.