ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްގެ މަޤާމަށް މ.ބާރަނާގެ މަރްޔަމް މުނާ އަދި އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް މއ. މާވެޔޮގެ ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ ޢައްޔަންކުރައްވައިފިއެވެ.
މި ބޭފުޅުން މި މަޤާމުތަކަށް ޢައްޔަންކުރައްވާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްގެ މަޤާމަށް އައްޔަންކުރި މަރްޔަމް މުނާ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައި ވަނީ އޮސްޓްރޭލިޔާގެ އީޑިތް ކޯވަން ޔުނިވަރސިޓީ އިންނެވެ. ހިއުމަންރައިޓް ކޮމިޝަނުގެ މެންބަރެއްގެ މަޤާމަށް އައްޔަންކުރުމުގެ ކުރިން މުނާ ހުންނެވީ އޭޝިއާ ޝިޕިންގ އެންޑް އިންޓަރނޭޝަނަލް ޓްރޭޑިންގ ގެ ކޯޕަރޭޓް ސެކްރެޓަރީގެ މަޤާމުގައެވެ. މީގެ އިތުރުން މިނިވަން މުވައްސަސާތަކާއި ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ އިސްމަޤާމުތައްވެސް މުނާ ފުރުއްވާފައިވެއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ނާއިބު ރައީސްކަމުގެ މަޤާމަށް އައްޔަންކުރި ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ، ޑޮކްޓްރޭޓް އޮފް ފިލޯސޮފީ އިން ލޯ (އިންޓަނޭޝަނަލް ލޯ) ފުރިހަމަކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިންނެވެ. މީގެ ކުރިން އެބޭފުޅާ ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯ ގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވާފައެވެ.