ޚަބަރު

ޔޫއޭއީގެ ޚާރިޖީ ވަޒީރު ސޫރިޔާއަށް، ގުޅުންބަދަހިވާކަމުގެ ނިޝާނެއް


ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝޭޚު ޢަބްދުﷲ ބިން ޒައީދު ސޫރިޔާއަށް ވަޑައިގެން އެ ޤައުމުގެ ރައީސް ބައްޝާރުލް އަސަދާ ބައްދަލުކުރައްވައިފިއެވެ. ޝޭޚު ޢަބްދުﷲއަކީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ސޫރިޔާއަށް ވަޑައިގެންނެވި ޔޫއޭއީގެ އެންމެ އިސްވެރިޔާއެވެ. ތަޖުރިބާކާރުން ފާހަގަކުރައި ގޮތުގައި ޝޭޚު ޢަބްދުﷲގެ ދަތުރުފުޅުން ދޭހަކޮށްދެނީ ޔޫއޭއީއާއި ސޫރިޔާއާ ދެމެދު އޮންނަ ގުޅުން ބަދަހިވަމުންދާކަމެވެ.

2011ވަނަ އަހަރުގެ ތެރޭގައި ބައްޝާރާ ދެކޮޅަށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ހަރިޔާރު ނަގައި އެ ޤައުމުގައި ދާޚިލީ ހަނގުރާމައެއް ފެށުމުން އެ ޖަމާޢަތްތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އެ ޤައުމަކީ ޔޫއޭއީއެވެ. ނަމަވެސް އީރާނާއި ރަޝިޔާއިން ބައްޝާރަށް ފޯރުކޮށްދެމުންދާ އަސްކަރީ އެހީތެރިކަމުގެ ސަބަބުން ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ އޮއިވަރު ބަދަލުވެ ސަރުކާރުގެ ފައުޖުތަކުގެ ބާރުގެ ދަށަށް އެ ޤައުމުގެ ބޮޑެތި ސަރަޙައްދުތައްވަނީ ގެނެސްފައެވެ. އެއާއެކު ސޫރިޔާގެ ދާޚިލީ ހަނގުރާމަ ބައްޝާރު ކާމިޔާބުކުރައްވާފައިވާކަމަށް ތަޖުރިބާކާރުންވަނީ އިއްތިފާޤުވެފައެވެ.

ސޫރިޔާގެ ރިޔާސީ އިންތިޚާބު ބޮޑު އަޣްލަބިއްޔަތަކުން ބައްޝާރު ކާމިޔާބުކުރެއްވުމުން އޭނާއަށް ދެކޮޅު ޢަރަބި ޤައުމުތަކުންވަނީ ގުޅުންބަދަހިކުރުމަށް މަސައްކަތް ފަށައިފައެވެ. އެ ގޮތުން އެމެރިކާއާ ދެކޮޅަށް އުރުދުންނާއި މިޞަރުންވަނީ ބައްޝާރުގެ ސަރުކާރާ ގުޅުންބަދަހިކުރުމަށް އެދެވޭ ފިޔަވަޅުތަކެއް އަޅައިފައެވެ.. ޢަރަބި ޤައުމުތަކުން ބައްޝާރާ ގުޅުންބަދަހިކުރި ނަމަވެސް އެމެރިކާއިންވަނީ ސޫރިޔާގައި އޮތް ވެރިކަން ޤަބޫލުނުކުރާނެކަމަށް ބުނެފައެވެ. އަދި ޝޭޚު ޢަބްދުﷲ ސޫރިޔާއަށް ވަޑައިގެންނެވުމުން އެމެރިކާގެ ސަރުކާރުންވަނީ ހިތްހަމަނުޖެހުން ފައުޅުކޮށްފައެވެ.

ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ޝޭޚު ޢަބްދުﷲއާއެކު ވަޑައިގެންނެވި ވަފުދުންވަނީ ޚާރިޖީ އަދި އިޤްތިޞާދީ ގުޅުންތައް އިތުރުކުރުމަށް ސޫރިޔާގެ ސަރުކާރާ މަޝްވަރާކޮށްފައެވެ. އެ ވަފުދުން ބުނެފައިވަނީ ސޫރިޔާގައި ޞުލްޙައާއި ހަމަޖެހުމާއި އެއްބައިވަންތަކަން ޤާއިމުކުރުމަށް ޔޫއޭއީން ޚާއްޞަ އިސްކަމެއް ދޭނެކަމަށެވެ.