ޚަބަރު

އަފްޣާނިސްތާނުގެ ޞިއްޙީ ޚިދުމަތްތެރިންގެ މުސާރަ ދިނީ އދން


އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުގެ ޞިއްޙީ ވުޒާރާގެ ބައިވެރިވުމަކައި ނުލައި އެ ޤައުމުގެ ޞިއްޙީ ޚިދުމަތްތެރިންގެ މުސާރަ އދން ހަމަޖައްސައިފިއެވެ.

އދން ބުނެފައިވާ ގޮތުގައި 23،500 ޞިއްޙީ ޚިދުމަތްތެރިންނަށް 8 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސައިފައިވާކަމަށެވެ. އެއީ ޠާލިބާނުންގެ ބައިވެރިވުމަކައި ނުލައި އދން އަފްޣާނިސްތާނަށް މާލީ އެހީތެރިކަން ފޯރުކޮށްދިން ފުރަތަމަ ފަހަރެވެ.

މިދިޔަ އޮގަސްޓު މަހުގެ 15ވަނަ ދުވަހު ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން ބައިނަލްއަޤްވާމީ މުޖުތަމަޢުންވަނީ އެ ޤައުމަށް ދެމުންދިޔަ މާލީ އެހީތެރިކަން ހުއްޓާލުމުގެ އިތުރުން އެ ޤައުމުގެ ގިނަ ޢަދަދެއްގެ މުދަލާއި ފައިސާ ހިފަހައްޓައިފައެވެ. އެ ނިންމުމުގެ ސަބަބުން އަފްޣާނިސްތާނަށް ބޮޑު އިންސާނީ ކާރިޘާއަކައި ކުރިމަތިލާންޖެހި އެ ޤައުމުގެ އިޤްތިޞާދީ ޙާލަތުވަނީ ނާޒުކު ފައްތަރަކަށް ވެއްޓިފައެވެ.

ޠާލިބާނުންގެ ބައިވެރިވުމަކައި ނުލައި އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުންވަނީ އުނދަގޫތަކަކާ ކުރިމައިލައިފައެވެ. ނަމަވެސް ހުޅަނގުގެ ޤައުމުތަކާއި ޠާލިބާނުންނާ އުފެދިފައިވާ ދެބަސްވުންތަކަށް ސަމާލުކަމެއް ނުދީ އަފްޣާނިސްތާނަށް އެހީތެރިވުމަށް އދން އިސްނެގުމުން އެ ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށް އިތުރު ދޮރެއް ހުޅުވިފައިވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އަފްޣާނިސްތާނުގެ ޞިއްޙީ ޚިދުމަތްތެރިންގެ މުސާރަ ހަމަޖެއްސުމަށް އދއަށް ބޭނުންވި ފައިސާ ހަމަޖައްސާފައިވަނީ ވޯލްޑު ބޭންކުންނެވެ. އެ ގޮތުން ވޯލްޑު ބޭންކުންވަނީ ޖުމުލަ 15 މިލިޔަން އެމެރިކާ ޑޮލަރު އދއަށް ދީފައެވެ.