ޚަބަރު

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު 89000އިން މައްޗަށް!


އިތުރު 160 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 89000 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވި 160 މީހުންގެ ތެރޭގައިވެސް ގިނައީ އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވީ މީހުންނެވެ. އެގޮތުން އަތޮޅުތެރެއިން 115 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަލަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި މާލެއިން 25 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 20 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އަލަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 89126އަށް އަރާފައެވެ. އަދި މިވަގުތު މިބައްޔަށް 2080 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 12 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު 105 މީހުން މިބަލިން ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 86787 އަށް އަރާފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4483 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންގެންދިޔަ 84 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު މެންދުރު ވަނީ ނިޔާވެފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދުވަނީ 246އަށް އަރާފައެވެ.