ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ ކޮލަންބޯގައި ބާއްވާ ނޭޝަންސް ފުޓްބޯލް ޓޯނަމަންޓް ފޯރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021 މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފްގެ އިތުރުން ސްރީލަންކާގެ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް، މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް، ކޯޑިނޭޝަން އެންޑް މޮނިޓަރިންގ އަދި ސްޓޭޓް މިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަރޕްރައިސް ޑިވެލޮޕްމަންޓް، ނަމާލް ރާޖަޕަކްސަ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފުޓްބޯލް ސްރީލަންކާއިން އިންތިޒާމުކޮށްގެން ބާއްވާ "ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތަކީ ރާއްޖެއާއި ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސް، މި ހަތަރު ޤައުމުގެ މެދުގައި ބާއްވާ ރަހުމަތްތެރިކަމުގެ ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތެކެވެ.
މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ފުރަތަމަ މެޗްގައި ރާއްޖެއާއި ސްރީލަންކާ ބައްދަލުކުރި މެޗު ނިމުނީ 4 ލަނޑު 4 ލަނޑުން އެއްވަރުވެގެންނެވެ. މި މުބާރާތް މި އަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.