ޚަބަރު

އދން ފަލަސްޠީނަށް އެހީތެރިކަން ފޯރުކޮށްނުދެވި ގޮތްހުސްވެފައި


ގެދޮރު ގެއްލި ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ އދގެ އިދާރާއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން މަދުވުމުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ. އަދި އިތުރު މާލީ އެހީތެރިކަން ނުލިބޭނަމަ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހުއްޓުމަކަށް އަންނާނެކަމަށްވެސް އެ އިދާރާއިންވަނީ ބުނެފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ އދގެ އިދާރާގެ މައިގަނޑު މަސައްކަތަކީ ގެދޮރު ގެއްލި ޙާލުގައި ޖެހިފައިވާ 5.7 މިލިޔަން މީހުންނަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އޭގެ ތެރޭގައި ތަޢުލީމާއި ޞިއްޙީ ފަރުވާއާއި އެ ނޫންވެސް ކޮންމެހެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. ގެދޮރު ގެއްލި ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ 5.7 ރައްޔިތުންގެ ތެރެއިން ގިނަ މީހުންވަނީ އުރުދުންނާއި ސޫރިޔާއާއި ލުބުނާނަށް ހިޖުރަކޮށްފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ އދގެ އިދާރާގެ އިސްވެރިޔާ ފިލިޕު ލައްޒަރީނީވަނީ މާލީ އެހީތެރިކަން ހޯދުމުގެ ބޭނުމުގައި ޤަޠަރަށް ވަޑައިގެންފައެވެ. ލައްޒަރީނީ ވިދާޅުވި ގޮތުގައި ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު އިތުރުވަމުންދިޔަ ނަމަވެސް ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އެ އިދާރާއަށް ލިބެމުންދާ އެހީތެރިކަން އިތުރުވެފައިނުވާކަމަށެވެ. އަދި މިހާރުން މިހާރަށް 120 މިލިޔަން އެމެރިކާ ޑޮލަރު ނުލިބިއްޖެނަމަ ފަލަސްޠީނުގެ ރައްޔިތުންނަށް އެ އިދާރާއިން ފޯރުކޮށްދޭ އެހީތެރިކަން ހުއްޓުމަކަށް އަންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ އދގެ އިދާރާއަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއް ފޯރުކޮށްދޭނީ އެމެރިކާއިންނެވެ. ނަމަވެސް އެމެރިކާއިން ފޯރުކޮށްދެނީ އަހަރަކު 235 މިލިޔަން އެމެރިކާ ޑޮލަރެވެ. އަދި އިނގިރޭިސިވިލާތުން ދެމުންދިޔަ 57 މިލިޔަން އެމެރިކާ ޑޮލަރުވަނީ 28 މިލިޔަން އެމެރިކާ ޑޮލަރަށް މި އަހަރުގެ ތެރޭގައި ކުޑަކޮށްފައެވެ.