ޚަބަރު

ތިން އަހަރަށްފަހު އަފްޣާނިސްތާނުގައި ޕޯލިޔޯ ވެކްސިން ދެނީ


ތިން އަހަރަށްފަހު އަފްޣާނިސްތާނުގައި ޕޯލިޔޯއަށް ވެކްސިން ދޭން ފަށައިފިއެވެ.

އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުގެ ޙުއްދައާއެކު ދުނިޔޭގެ ޞިއްހަތު ޖަމުޢިއްޔާއާއި އދގެ ކުޑަކުދިންގެ ޖަމުޢިއްޔާއިންވަނީ ޕޯލިޔޯއަށް ވެކްސިން ދިނުމަށް ހަތަރު ދުވަހުގެ ޙަރަކާތެއް ފަށައިފައެވެ. އެ ގޮތުން އެ މުއްދަތުގެ ތެރޭގައި އަފްޣާނިސްތާނުގެ 3.3 މިލިޔަން ކުޑަކުދިންނަށް ވެކްސިން ދިނުމަށްވަނީ ނިންމައިފައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އަފްޣާނިސްތާނުގެ ހުޅަނގުގެ ތާޢީދު އޮންނަ ސަރުކާރާއި ޠާލިބާނުންނާ ބަދަލުކުރި ޙަމަލާތަކުގެ ސަބަބުން ވެކްސިން ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް އެޅުނެވެ. އަދި ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށް ޙަމަލާ ދިނުމާއި ރަހީނުކުރުމުގެ ޢަމަލުތައްވެސްވަނީ ހިންގައިފައެވެ. ނަމަވެސް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމަށްފަހު ޞިއްޙީ ޚިދުމަތްތެރިންނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އެއްބާރުލުމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމަށް އެ ޖަމާޢަތުންވަނީ ބުނެފައެވެ.