ޚަބަރު

ފިލިޕީންސް އަންހެން މީހާ މަރުވެފައިވަނީ މީހަކު ދިން އަނިޔާއަކުން: ޕޮލިސް


މިދިޔަ މަހުގެ 19 ވަނަ ދުވަހު މަރުވެފައިވާ އޮތްވާ ފެނުނު ފިލިޕީންސް އަންހެން މީހާ މަރުވެފައިވަނީ ދަންޖެހިގެންކަމަށް ނުބެލެވޭކަމަށާއި، އޭނާ މަރުވެފައިވަނީ މީހަކު ދިން އަނިޔާތަކެއްގެ ސަބަބުންކަމަށް ބެލެވޭކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިކަމް ހާމަކޮށްފައިވަނީ އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސަށް ނިސްބަތްވާ އެ ނަރުސް މީހާގެ މަރާއި ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ޕޯސްޓްމޯޓަމް ހެދުމަށްފަހުގައެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ދަންޖެހިގެން ނަރުސް އަންހެން މީހާ މަރުވީކަމަށް ބުނެ އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާއެވެ. އެއީ އެދުވަހު ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ. މިކަމާއި ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާގެ ފިރިމީހާ ވަނީ ހައްޔަރުކޮށްފައެވެ.

މޭރީ ނަމަކަށްކިޔާ އެ ނަރުސްގެ ޕޯސްޓްމޯޓަމްއަށްފަހު ފުލުހުން ވިދާޅުވީ، އޭނާ މަރާލާފައިވަނީ ދަންޖެހިގެންކަމަށް ނުބެލެވޭކަމަށެވެ. ފުލުހުން ބުނީ އޭނާ މަރުވީ މީހަކު ދިން އަނިޔާތަކެއް ނުވަތަ އަނިޔާއެއްގެ ސަބަބުންކަމަށެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި ނަރުސްމީހާ މަރުވެފައިވާ ކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު އޭނާގެ ފިރިމީހާގެ ކިބައިން އާދަޔާ ޚިލާފް ކަންތައްތަކެއް ފާހަގަވެފައިވެއެވެ. އެގޮތުން އޭނާ ނޭވާ ހާސްވެގެން ކުއްލިއަކަށް މަރުވީކަމަށާއި، އަދި ދަންޖެހިގެން އޭނާ މަރުވީކަމަށް އަނެއްބައި ފަހަރު އޭނާގެ ފިރިމީހާ ބުނަމުންދިޔަ ކަމަށް މަންޒަރުދުށް މީހުން ބުނެއެވެ.

އެމީހުން ބުނިގޮތުގައި އޭނާގެ ކަރުގައި ކޮންމެވެސް ކަހަލަ ނިޝާންތަކެއް ހުއްޓެވެ. ނަމަވެސް އެއީ ކަރުގައި ވާ/ފޮތި އައްސައިގެން ދަންޖެހިފައިވާ ނިޝާންތަކަކަށްވުރެ ބޮޑަށް ޝައްކު ކުރެވެނީ، މީހާ ހާސްކޮށްލަން މަސައްކަތްކޮށްފައިވާ އިނގިލީގެ ނިޝާންތަކެއްގެ ގޮތުގައިކަމަށް މަންޒަރު ފެނުނު މީހުން ބުނެފައިވެއެވެ.